Election Commission of Maldives

ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މ. ދިއްގަރުގައި އެންޑޯސްކުރުމަށް ކޮމިޝަނުން ނިންމައިފި

17 މެއި 2015, 12:00 ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް 6 ޖޫން 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އެންޑޯސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޚާއްސަ ޖަލްސާ ދިއްގަރުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފި އެވެ.

ކޮމިޝަނުން މިގޮތަށް ނިންމަވައިފައިވަނީ މިބައި-އިލެކްޝަންގެ މަސައްކަތްތައް ބެއްލެވުމަށް ކޮމިޝަނުގެ 3 މެންބަރުން ދިއްގަރު ދާއިރާގައި އިންތިޚާބުގެ ދުވަހު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަކީ ވީހާވެސް ދެފުއްފެންނަ، ޢާންމު ރައްޔިތުންނާއި ގާތުން ހިންގޭ މަސައްކަތްތަކެއް ކަމުގައިވުން މުހިންމު ކަމަށް މިކޮމިޝަނުން ދެކިލައްވާތީ އެވެ.

6 ޖޫން 2015ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް 4 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ. އެއީ ޕީ.ޕީ.އެމްގެ 1 ކެންޑިޑޭޓު، އެމް.ޑީ.ޕީގެ 1 ކެންޑިޑޭޓު، އަދި އަމިއްލަގޮތުން ކުރިމަތިލާފައިވާ 2 ކެންޑިޑޭޓެ­ވެ.