Election Commission of Maldives

އިލެކްޝަންސް ކޮމިޝަނާއި އެމް.ޓީ.ސީ.ސީ އާއި ދެމެދު އެމް.އޯ.ޔޫއެއް ސޮއި ކޮށްފި

26 މެއި 2015, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި އެކު ކަނޑުމަގުގެ ދަތުރުތައް ކުރުމާއި މެދު އެއްބަސްވެ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމް.ޓީ.ސީ.ސީގެ ޓަވަރުގައި ބޭއްވުނު މިހަފްލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަންގެ ރައީސް، އަޙްމަދު ސުލައިމާން، އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެއްޒެކެޓިވް އޮފިސަރ، އިބްރާހީމް އަބްދުލް ރައްޒާޤް ހަލީމްއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ޤައުމީ ފެންވަރުގަޔާއި އަތޮޅު އަދި ރަށު ފެންވަރުގައި އިންތިޚާބުތައް ރާވައި، ހިންގާ ދައުލަތުގެ މުއައްސަސާކަމަށް ވާތީ ދަތުރުފަތުރުގެ އިންތިޒާމްތައް މިހާރަށް ވުރެއް ހަރުދަނާކޮށް އަދި ޚަރަދު ކުޑަ ކުޑަކުރުމުގެ ގޮތުން ސޮއިކޮށްފައިވާ އެމް.އޯ.ޔޫއެއްކަން ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް، މީޑިއާއަށް މަޢުލޫމާތު ދެއްވައި ފާހަގަ ކުރައްވިއެވެ.

ސޮއި ކުރެވުނު މިއެމް.އޯ.ޔޫގެ މަޤްސަދަކީ ކުރިޔަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ތަކުގައި ކަނޑުމަގުން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް މިހާރަށްވުރެ ފަސޭހަ ކަމާއި ޔަގީންކަމާއިއެކު ކުރުމެވެ.