Election Commission of Maldives

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިމިއްޖެ

28 މެއި 2015, 12:00 ޚަބަރު

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން އޭ.ސީ.ސީގައި ބޭއްވި މަސައްކަތު ބައްދަލުވުން މިއަދު ހަވީރު ނިމިއްޖެއެވެ. ނަޒާހަތްތެރިކަމާބެގޮތުން ބޭއްވުނު މިމަސައްކަތު ބައްދަލުވުމުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ އޭ.ސީ.ސީގެ މެންބަރު އައިމިނަތު މިންނާ އަދި މެންބަރު ޔަޒުމީދު މުޙައްމަދެވެ. އަދި މި ހަފްލާގައި، ވަޑައިގެން ތިއްބެވި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުވުމުގެ ބައިވެރިން ވަނީ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރައްވާފައެވެ.

މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިން ނަޒާހަތްތެރިކަމާއި ބެހޭގޮތުން އިތުރަށް ހޭލުންތެރިކޮށް، މަސައްކަތުގެ މާހައުލުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކާއި ދުރުވެ، އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްފަދަ މުހިންމު މައުޟޫއުތަކާ ބެހޭގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ.

މިމަސައްކަތު ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި މަސައްކަތުގެ މާހައުލުގަޔާއި އާންމު ދިރިއުޅުމުގައިވެސް ނަޒާހަތްތެރިވުމަށް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަޙްމަދު ސުލައިމާން ނަސޭހަތް ދެއްވިއެވެ.