Election Commission of Maldives

1 މެއި 2015 ގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ޖޫރިމަނާ ކޮށްފި

11th ޖޫން 2015, 01:00 ޚަބަރު

އަދާލަތު ޕާޓީ އިސްވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބައިވެރިވުމާއެކު، 1 މެއި 2015 ވީ ހުކުރު ދުވަހާއި އަދި، ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، ސިޔާސީ ޕާޓީގެ ޤާނޫނާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް، ފުލުހުންނަށް ޙަމަލާ ދިނުމާއި، ޢާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި ޢަމަލުތަކަށް ގޮވައިލުން ފަދަ ޢަމަލުތައް ހިންގާފައިވާތީއާއި، އަދި ތަކުރާރުކޮށް މޯލްޑިވްސް ފޮލިސް ސާވިސް އާއި، އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުންތަކަށް ތަބާވެފައިނުވާތީ، މިއަދު މިކޮމިޝަނުން މިދެންނެވި ދެ ޕާޓީ ޖޫރިމަނާ ކޮށްފިއެވެ.

މި ދެ ޕާޓި ޖޫރިމަނާކޮށް، ވަކިވަކިން ފޮނުވާފައިވާ ސިޓީތަކުގައި ޖޫރިމަނާކުރަން ނިންމާފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުންކަން ފާހަގަކޮށްފައިވެއެވެ.

މިގޮތުން އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 69,000/-ރ (ފަސްދޮޅަސް ނުވަ ހާސް ރުފިޔާ) އިން، އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 53,000/-ރ )ފަންސާސް ތިން ހާސް ރުފިޔާ) އިންނެވެ. އަދި 7 ދުވަހުގެ ތެރޭގައި މިފައިސާ އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް މިދެޕާޓީއަށް ފޮނުވާފައިވާ ސިޓީގައި އަންގާފައިވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ޕާޓީތަކުން ހިންގާ މުޒާހަރާތަކާއި ސިޔާސީ ޙަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ސިޓީއިން ނަޞޭހަތްތެރިވެފައިވެއެވެ.