Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ލޯންޗްކުރުން

15 ޖޫން 2015, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަނާއި، އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯރ އިލެކްޓޯރަލް ސިސްޓަމްސް (IFES) އާއި ގުޅިގެން، USAID ގެ އެހީގައި، ތައްޔާރުކުރެވިފައިވާ ކޮމިޝަނުގެ އައު ވެބްސައިޓު މިއަދު ހެނދުނު ވަނީ ލޯންޗްކޮށްފައެވެ. މިކަމަށްޓަކައި ކަސްޓަމްސް ބިލްޑިންގ ގެ މީރުބަހުރުމާލަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލްގެ ވާހަކަ ފުޅުގައި އެމަނިކުފާނު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލައި، އިންތިޚާބުރަކުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓައީ އެކުލަވައިލުމުގެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކާއި ބެހޭގޮތުން ވާހަކަ ފުޅު ދެއްކެވިއެވެ.

މިވެބްސައިޓުގެ މަޤަޞަދަކީ، އަދި މިވެބްސައިޓުގައި ހިމެނިފައިވާ މައުލޫމާތުތަކަކީ، ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތްތައްތަކާއި، ޢަންމު ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށް ދޭން ޖެހޭ މައުލޫމާތުތަކެއް ކަމަށް ކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙުމަދު ސުލައިމާން ވަނީ ވިދާޅުވެފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް އާންމުންނާއި މީޑިއާތަކަށް ފުޅާދާއިރާއެއްގައި، ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރުމުގައި ވެބްސައިޓުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަހީދާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ސިޔާސީ ޕާޓިތަކުގެ ވެރިންނާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން އަދި އިލެކްޝަންސް ކޮމިޝަނުގެ ސީނިއަރ މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.