Election Commission of Maldives

ފެންބޯސާގެ 6 ވަނަ ޖަލްސާ ސްރީލަންކާގެ ކޮލަންބޯގައި ފެށިއްޖެ

01 އޮކްޓޯބަރ 2015, 12:00 ޚަބަރު

ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެންބޯސާ)ގެ 6 ވަނަ ޖަލްސާ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިއަދު ފެށިއްޖެ އެވެ. މިފަހަރުގެ ބައްދަލުވުމުގެ ރިޔާސަތާއި ހަވާލުވެފައިވަނީ ސްރީލަންކާއިންނެވެ. ޗެއާ ކުރައްވަނީ ނޭޕާލްގެ ޗީފް އިލެކްޝަންސް ކޮމިޝަނަރ ދޮލަކް ބަހަދުރު ގުރުންގު އެވެ. އަހަރަކު އެއްފަހަރު ބޭއްވޭ މިބައްދަލުވުން، 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ.

މިބައްދަލުވުމުގެ ބޭނުމަކީ ދެކުނު އޭޝިއާގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމާއި، މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އެކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރުމެވެ.

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާރުން މިބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންނަވަނީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން އާއި ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޢަލީ އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ނަތާޝާއެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނަށް 60 އަހަރު ފުރުމާއި ގުޅިގެން ޑައިމަންޑް ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވުނު ހަފްލާގައިވެސް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ވަފުދުގެ ބޭފުޅުން ބައިވެރިވަޑައިގަތެވެ. މިހަފްލާގައި ލަންކާގެ އިލްކެޝަންސް ކޮމިޝަނަށް 60 އަހަރު ފުރުމުގެ މުނާސަބަރުގައި ތައްޔާރުކޮށްފައިވާ ސްޓޭންޕް ސެޓާއި ސުވެނިއަރ ލޯންޗް ކުރުމާއި، ދިގުމުއްދަތަށް ލަންކާގެ އިލްކެޝަންސް ކޮމިޝާނަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑާއި ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ.

މިއަހަރުގެ ފެންބޯސާގެ ބައްދަލުވުމާއި އެކު ނުކުޅެދޭ މީހުންނަށް ހައްސަކޮށްގެން ބޭއްވޭ ސައުތު އޭޝިއާ ރީޖަނަލް ޑިސްއެބިލިޓީ ރައިޓްސް ޑައިލޮގު އޮން ޕޮލިޓިކަލް ޕާޓިސިޕޭޝަންގައިވެސް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެފައި ވެއެވެ. ކޮމިޝަނުގެ ފަރާރުން މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރާނީ ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ސީނާ ރަޝީދެވެ. މިބައްދަލުވުންތައް ނިންމައި ކޮމިޝަނުގެ ވަފުދު އެނބުރި ރައްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.