Election Commission of Maldives

އިންޑިއާގެ އައި.އައި.އައި.ޑީ.އީ.އެމްގެ 3ވަނަ ތަމްރީން ޕްރޮގްރާމް ނިމިއްޖެ

27 ސެޕްޓެމްބަރު 2015, 12:00 ޚަބަރު

އިންޑީއާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (އައި.އައި.އައި.ޑީ.އީ.އެމް)ގެ 3ވަނަ ތަމްރީން ޕްރޮގްރާމް ނިންމައި ބައިވެރިން އެނބުރި މާލެ އަތުވެއްޖެ އެވެ. އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދަށުން ހިންގާ އައި.އައި.އައި.ޑީ.އީ.އެމް އިން މިފަހަރުގެ ތަމްރީން ކުރިޔަށް ގެންގޮސްފައިވަނީ 15 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ އަށެވެ.  މިފަހަރުގެ ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ "އިލެކްޝަން މެނޭޖްމަންޓް: ރޯލް އޮފް ޓެކްނޮލޮޖީ" މިތީމުގެ ދަށުންނެވެ.

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިތަމްރީންގައި ބައިވެރިވެފައިވަނީ ސްޓެޓިސްޓިކަލް އޮފިސަރ އައިޝަތު ޔުމްނާ ރަޝީދު، މީޑިއާ އޮފިސަރ ފަޟްލާ އަޙްމަދު ޝަހީމް، ޕްރޮކިއުމަންޓް އޮފިސަރ ހަސަން ނާފިއު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ ނަޒްމާ ނިޒާމް އެވެ.

މިތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ތިންބަޔަކަށް ބަހާލެވިގެނެވެ. މިތިންބަޔަކީ "ވޯޓަރ ރެޖިސްޓްރޭޝަން އެންޑް ޓެކްނޮލޮޖީ"، ވޯޓަރ އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ" އަދި "ޕޯލް، ކައުންޓިންގ އެންޑް ރިޒަލްޓްސް" އެވެ. މިގޮތުން ވޯޓުލާ މީހުންގެ ރަޖިސްޓަރީ، ވޯޓަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް އަދި އިންތިޚާބް ބޭއްވުމުގެ ނިޒާމްގައި ޓެކްނޮލޮޖީގެ ޒަރީޢާއިން މިހާރަށްވުރެ ހަރުދަނާކޮށް އަދި ލުއިފަސޭހަ ކުރެވޭނެ ގޮތްގޮތުގެ މައްޗަށް އަލިއަޅުވާ ތަމްރީންގައި ބައިވެރިވި ޤައުމުތަކުން ދިރާސާ ކަރުދާސް ހުށައެޅި، އަދި މިމައިގަނޑު ތިން މަޢުލޫތަކުގެ މައްޗަށް ޖުމްލަ 32 ސެޝަނަށް ވަނީ ބޭއްވިފައެވެ.

މިތަމްރީން ޕްރޮގްރާމްގެ ތެރެއިން އިންޑިއާގެ ކުރީގެ ޗީފް އިލެކްޝަނަސް ކޮމިޝަނަރ ޑރ. ޤުރައިޝީވެސް ވަނީ އިންޑިއާގެ އިންތިޚާބީ ނިޒާމް ރިފޯމް ކުރެވިފައިވާ ގޮތާއިބެހޭގޮތުން ބައިވެރިންނަށް ސެޝަނެއް ނަންގަވައި ދެއްވާފައެވެ. ތަމްރީން ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ އިންޑިއާގެ މިހާރުގެ އިލެކްޝަންސް ކޮމިޝަނަރ އޯ. ޕީ. ރާވަތު އެވެ.

އައި.އައި.އައި.ޑީ.އީ.އެމް އިން އިންތިޚާބާއި ގުޅުވައިގެން 2012 އަދި 2013ގައިވެސް ވަނީ މިފަދަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައެވެ.