Election Commission of Maldives

ޑިމޮކްރަސީ އާއި އިންތިޚާބާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ޏ.ފުވައްމުލަކުގައި ފަށައިފި

21 ޑިސެމްބަރު 2015, 12:00 ޚަބަރު

ޑިމޮކްރަސީ އާއި އިންތިޚާބާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޏ. ފުވައްމުލަކުގައި މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އެގޮތުން މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 20 ން 24 ގެ ނިޔަލަށެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން، ދުވާލަކު 2 ދަންފަޅިއަށެވެ. މި ޕްރޮގްރާމް އެކުލަވާލާފައިވަނީ ޖުމްލަ 4 މޮޑިއުލްގެ މައްޗަށެވެ. އެގޮތުން މޮޑިއުލްތަކުގެ ތެރޭގައި ޑިމޮކްރަސީ، ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާ އިންތިޚާބުތައް ކުރިއަށްދާ ގޮތް، ސިޓިޒެންޝިޕް އަދި ބައިވެރިވުން ހިމެނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ގުޅޭގޮތުން ޢާއްމު ރައްޔިތުންނާއި، ސްކޫލްތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ނޮވެންބަރު މަހުގައި މި ޕްރޮގްރާމް ވަނީ ރ. މީދޫ އަދި ރ. މަޑުއްވަރީގައި ކުރިއަށް ގެންގޮސްފައެވެ.