Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޚްކޮށްފި

28 މާޗް 2016, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ދުރުރާސްތާ ޕްލޭން (ސްޓްރެޓީޖިކް ޕްލޭން 2016-2020) އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ޕްލޭން އިފްތިތާޙް ކުރެވުނީ މިކަމަށް ޙާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ޕްލޭން އިފްތިތާޙްކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަލްފާޟިލް އަޙްމަދު ސުލައިމާނާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެސެންޓެޓިވް  ޝޯކޯ ނޯޑާއެވެ.

މި ސްޓްރެޓީޖިކް ޕްލޭނަކީ  ޔޫ.އެން.ޑީ.ޕީ އާއި އިލެކްޝަން ކޮމިޝަންގެ ޕާޓްނަރޝިޕްގެ ދަށުން  އެކުލަވާލައި ތަންފީޒުކުރަން ފަށާފައިވާ ޕްލޭނެކެވެ. އަދި މިޕްލޭން ތަންފީޒުކުރުމުގެ މަރުޙަލާގައި، މި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކަމެއްދޭނީ ކޮމިޝަނުގެ ޤާނޫނީ ވާޖިބުތައް މިހާރަށް ވުރެން ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އިދާރީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި، އިންތިޚާބުގެ މަރުހަލާތަކާމެދު ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ބައިވެރިވުމާއި އިތުބާރު އަށަގެންނެވުމަށް މަސައްކަތް ކުރުމަށެވެ.  

މި ޕްލޭންއަކީ ސްޓޭކްހޯލްޑަރުންގެ ޚިޔާލުތަކަށް އަހައްމިއްޔަތުކަންދީ، އެފަރާތްތަކުގެ ވިސްނުމާ ވީހާވެސް ގުޅުންހުރި ގޮތަކަށް ތައްޔާރުކުރެވޭ ޕްލޭނަކަށް ހެދުމަށްޓަކައި، އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ ވިސްނުމެއް މި ޕްލޭން އެކުލަވާލުމުގައި ގެންގުޅެފައިވާނެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި، މީޑިއާގެ ފަރާތްތައް، އަދި އިންތިޚާބުގެ ކަންކަމަށް ފާރަވެރިވާ ގްރޫޕްތަކާއި އަމަން ބަލަހައްޓާ މުއައްސަސާތަކާއި ޖުޑިޝަރީއާއި އެހެން މިނިވަން މުއައްސަސާތަކާއެކު، މި ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގައި އިންޓަވިއު ކުރެވިފައިވާނެއެވެ. އަދި ސްޓްރެޓީޖިކް ތަނބުތަކާމެދު ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި، ދެފަރާތުން މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ. މިފަދައިން ގުޅިގެން ސްޓރެޓީޖިކް ޕްލޭނެއްގެ މަޝްވަރާކުރުމަކީ މި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތުގައި ހުރިހާ ފަރަތެއްގެ އެއްބާރުލުން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިކޮމިޝަނުން ދެކެމެވެ.

މި ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ އަމާޒަކަށްވެފައިވަނީ، މިނިވަން އަދި ވަކި ފަރާތަކަށްނުޖެހޭ، ހުރިހާ ފަރާތްތަކަށް ޤަބޫލުކުރެވޭ ފަދަގޮތަކަށް، އެކަށީގެންވާ އަދި ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުތަކުގެ ކަންކަން ހިންގައި، ޢާންމުންނާއި ކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ އިތުބަރާއި ޔަޤީންކަން ލިބިގެންވާ މުއައްސަސާއަކަށް އިލެކްޝަން ކޮމިޝަން ހެދުމެވެ.

މިގޮތުން މި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކުރެވޭ އެންމެ މައިގަނޑު މަސައްކަތްތައް ނުވަތަ ސްޓްރެޓީޖިކް ތަނބުތަކުގެ ތެރޭގައި ހިމެނެނީ ޤާނޫނީ އޮނިގަނޑު އިސްލާޙުކުރުން، އިލެކްޝަން ކޮމިޝަންގެ އިންސްޓިޓިއުޝަނަލް އޮނިގަނޑު ވަރުގަދަކުރުކުމަށްޓަކައި މަސައްކަތްކުރުން، އިލެކްޝަން ރޭވުމާއި ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް (ޕްރޮފެޝަނަލް މީހުން) ބިނާކުރުމަށްޓަކައި މަސައްކަތްކުރުން އަދި ކޮމިޝަނުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކާއި ޢާންމު ރައްޔިތުންނާއި ކޮމިޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި، އިންތިޚާބުގެ އެކި މަރުހަލާތަކުގައާއި ކޮމިޝަނުގެ މަސައްކަތުގެ އޮނިގަނޑުގެތެރޭގައި ދެ ޖިންސުގެ ބައިވެރިވުން ހަމަހަމަކުރުމަށް އިސްކަންދެވިފައިވާނެއެވެ. އަދި މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި އެކުލެވިފައިވާ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ވަޒަންކުރުމަށް މޮނިޓަރިންގް އެންޑް އިވެލުއޭޝަން ޕްލޭންއެއްވެސް ވާނީ އެކުލަވާލާފައެވެ.

މި ޕްލޭންއަކީ ޔޫ.އެން.ޑީ.ޕީ އާއި އިލެކްޝަން ކޮމިޝަންގެ ޕާޓްނަރޝިޕްގެ ދަށުން ތައްޔާރުކުރެވިފައިވާ ސްޓްރެޓީޖިކް ޕްލޭނަކަށްވެފައި، ޔޫ.އެން.ޑީ.ޕީއަކީ ތަރައްޤީގެ މަޝްރޫޢުތަކުގައި މުއައްސަސާތަކަށް އެއްބާރުލުންދޭ ޕާޓްނާރ އަކަށް ވުމުން، މި ސްޓްރެޓީޖިކް ޕެލޭން ތަންފީޒު  ކުރުމަށް ޔޫއެންޑީޕީ އަދި މީގެ އިތުރުންވެސް ޝަމިލްވާ އެންމެހާ ފަރާތްތަކާއެކު މިކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާނެއެވެ.