Election Commission of Maldives

ޑިމޮކްރަސީ އާއި އިންތިޚާބާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

21 އޭޕްރީލް 2016, 12:00 ޚަބަރު

ޑިމޮކްރަސީ އާއި އިންތިޚާބާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ލ.އަތޮޅުގައި، މިއަދު ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 21 ން 23 ގެ ނިޔަލަށް އެ އަތޮޅުގެ 4 ރަށެއްގައެވެ. އެއީ ލ.ގަން، އިސްދޫ، ފޮނަދޫ އަދި މާވަށެވެ. އެގޮތުން މި ހަތަރު ރަށް ހިމެނޭގޮތަށް 2 ޓީމަކަށް ބަހާލައިގެން ކޮންމެ ޓީމެއްގައި 3 ބޭފުޅުން (2 ޓްރެއިނަރުންނާއި ކޮމިޝަންގެ މެންބަރެއް) ހިމެނޭގޮތަށް، ކޮންމެ ރަށެއްގައި  40 ބައިވެރިންގެ ބެޗަކަށް ތަމްރީނު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އެކުލަވާލާފައިވަނީ ޖުމްލަ 4 މޮޑިއުލްގެ މައްޗަށެވެ. އެ ހަތަރު މޮޑިއުލްއަކީ "ޑިމޮކްރަސީ، ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާ އިންތިޚާބުތައް ކުރިއަށްދާ ގޮތް، ސިޓިޒެންޝިޕް އަދި ބައިވެރިވުން" މިއެވެ.

މި ސިވިކް އެޑިއުކޭޝަން ދަތުރުގައި އިސްބޭފުޅެއްގެ ގޮތުން ޓީމުގައި ވަޑައިގެންނެވީ މި ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޒް އަމްޖަދު މުޞްޠަފާއެވެ. މީގެއިތުރުން ކޮމިޝަން މެންބަރު އަޙްމަދު އަކްރަމްއާއި، 4 ޓްރެއިނަރުންގެ ގޮތުގައި ކޮމިޝަންގެ 4 މުވައްޒަފުން މި ދަތުރުގައި ބައިވެރިވިއެވެ.     

ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ގުޅޭގޮތުން ޢާއްމު ރައްޔިތުންނާއި، ސްކޫލްތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުވުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިހާތަނަށް 8 އަތޮޅެއްގައި ވަނީ މި ޕްރޮގްރާމް ހިންގާފައެވެ.