Election Commission of Maldives

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އ.ދ އާއެކު މަޝްވަރާކޮށްފި

22 މެއި 2016, 17:00 ޚަބަރު

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އ.ދ އާއެކު މަޝްވަރާކޮށްފި

 

 ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އެހެނިހެން އިންތިޚާބުތަކުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ފަންނީ އަދި މާލި އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުންގެ ފަރާތުން އ.ދ  އާއެކު މަޝްވަރާކޮށްފިއެވެ.

އ.ދ ގެ ފަންނީ ބޭފުޅުނާއިއެކު އިލެކްޝަން ކޮމިޝަނުގައި މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި ކުރިއަށް އޮތް އިންތިޚާބު ތަކުގެ ކަންކަން ހަރުދަނާކުރުމުގައި އ.ދ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގޫޅޭގޮތުން ކޮމިޝަނުގެ މެންބަރުންނާއި އެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އިލެކްޓްރޯނިން ވޯޓިން ސިސްޓަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި، ވޯޓާ ގުޅޭ ކަންކަމުގައި ޙަރަކާތްތެރިވާ ކޮމިޝަންގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމާ ގުޅޭ ކަންކަމުގެ އިތުރުން މުޅި އިންތިޚާބީ މަރުހަލާތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާ ބައްދަލު ވުމުގައި ކޮމިޝަނުގެ ރައިސާއި މެމްބަރުންގެ އިތުރުން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އ.ދ ގެ ޓީމުން ވަނީ ކޮމިޝަނުގެ މުވައްޒަފުންނާއި ބައްދަލުކޮށް އިންތިޚާބު ތަކުގައި އާއްމުކޮށް ދިވާމާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައެވެ.