Election Commission of Maldives

2015 މާރޗް 21 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

03 ފެބުރުއަރީ 2015, 12:00 ޚަބަރު

2015  މާރޗް 21  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، މިއަދު       (03 ފެބުރުވަރީ 2015) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް  (http://www.gazette.gov.mv) ގައްޔާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލް އިދާރާއިން ވެސް ޢާންމުކޮށް ފެންނަން ހުންނާނެކަމުގައި މިއަދު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 ފެބުރުވަރީ 03 އިން 2015 ފެބުރުވަރީ 12 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށް ކަމަށާއި ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމުން ކަމުގައިވެސް އެއިޢުލާނުގައި ބަޔާންކޮށްފައި ވެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލުން ކަމުގައިވެސް ވަނީ ހާމަކުރައްވާފައެވެ.