Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ ވޯޓަރ އެޑިއުކޭޝަން ސްޓްރެޓެޖީއަށް މަޝްވަރާ ހޯދުމުގެ ބައްދަލުވުން ބާއްވައިފިއެވެ.

27 ސެޕްޓެމްބަރު 2016, 00:00 ޚަބަރު
        ނަންބަރު: 2016/13- NR) BA)  
   
އިލެކްޝަންސް ކޮމިޝަންގެ ވޯޓަރ އެޑިއުކޭޝަން ސްޓްރެޓެޖީއަށް މަޝްވަރާ ހޯދުމުގެ ބައްދަލުވުން ބާއްވައިފިއެވެ.
 

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ 'ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ސްޓްރެޓެޖީ' އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނުން ހަވީރަށް 'ސޯލްޓް ކެފޭ' ގެ ކޮންފަރެންސް ހޯލްގައެވެ.

 މި ސްޓްރެޓެޖީއަކީ 2017 އިން 2019 އަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ޕްރޮގްރާމްތަށް ހިންގާނެ ގޮތުގެ ދުރު ރާސްތާ ޕްލޭނެކެވެ. މި ޕްލޭން ގެ މައިގަނޑު އަމާޒަކީ  ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލްތަކާއި ގޮތްތައް އަށަގެންނެވުމާއި، ޑިމޮކްރެޓިކް ވެރިކަން އެބައެއްގެ ކިބައިން ފެށިގެން އަންނަ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި މަބްދައުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއެކު، ވޯޓްލުމާއި އިންތިޚާބުތަކާގުޅޭ ކަންކަމުގައި ރައްޔިތުންގެ މައުލޫމާތާއި ހުނަރާއި ސިފަތައް އަށަގެންނެވުމަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ޕްރޮގްރާމްތަށް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، ކަނޑައެޅޭ ސްޓްރެޓީޖިކް އަމާޒުތަކަކަށް ބިނާކޮށްގެން ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށްޓަކާ، ކުރިއަށްއޮތްތާންގައި މަސައްކަތް އިންތިޒާމްކުރެވިދާނެ ގޮތްތައް ދެނެގަތުމެވެ. 

މި މަސައްކަތްކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނާއި އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން، ޔޫ.އެން.ޑީ.ޕީ ގެ އައި.ޖީ.ޕީ މަޝްރޫޢުގެ ތެރެއިންނެވެ. މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާ ތަކުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދީފައިވެއެވެ

                            27 ސެޕްޓެމްބަރ 2016