Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް 2017 ގެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންޖެހޭ ޢަދަދުތަށް އިއުލާންކޮށްފި

22 އޮކްޓޯބަރ 2016, 12:00 ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް 2017 ގެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންޖެހޭ ޢަދަދުތަށް އިއުލާންކޮށްފި

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީން ރައީސުލުޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮންމެ ރަށު ކައުންސިލަކަށާއި، އަތޮޅު ކައުންސިލަކަށާއި، ސިޓީ ކައުންސިލަކަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގައިވާ ގޮތުގެ މަތީން އެ ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދާއި ދާއިރާތައް އާންމުންނަށް ފެންނާނެހެން ދިވެހިރާއްޖޭގެ ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv  ގައި މިއަދު (22 އޮކްޓޯބަރ 2016) ވަނީ އާއްމު ކޮށްފައެވެ.

14 ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިޚާބު ކުރާނީ 3 ނުވަތަ 5 ކައުންސިލަރުންނެވެ. އެއީ 3000 އިން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް 3 ކައުންސިލަރުން، އަދި 3000 މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް 5 ކައުންސިލަރުންނެވެ. މިގޮތުން 5 ކައުންސިލަރުން އިންތިޚާބުކުރާނީ 13 ރަށެއްގައެވެ.

އަތޮޅޮ ކައުންސިލްތަކަށް އިންތިޚާބުކުރާނީ 2 އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްގައިނަމަ، ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 (އެކެއް) ކައުންސިލަރެވެ. 2 އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ 3 ކައުންސިލަރުން ކައުންސިލުގައި ތިބޭނެއެވެ.

ސިޓީތަކުގައި އިންތިޚާބުކުރާނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 ކައުންސިލް މެންބަރެވެ. މިގޮތުން މާލެ ސިޓީގައި 13 މެންބަރުން، އައްޑޫ ސިޓީގައި 7 މެންބަރުން އަދި ފުވައްމުލަކު ސިޓީގައި 3 މެމްބަރުން އިންތިޚާބުކުރާނެއެވެ.

22 އޮކްޓޯބަރ 2016