Election Commission of Maldives

ޓްރިވަންޑްރަމް ނުވަތަ ކޮލަންބޯގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

13th ނޮވެމްބަރު 2016, 12:00 އިއުލާން

ނަންބަރު:(A) EA-2016/192 

އިޢުލާން

ޓްރިވަންޑްރަމް ނުވަތަ ކޮލަންބޯގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

          14 ޖެނުއަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޓްރިވެންޑްރަމް އަދި ކޮލޮމްބޯގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 2016 ނޮވެމްބަރ 14 ވާ ހޯމަ ދުވަހުން ފެށިގެން 2016 ނޮވެމްބަރ 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

          މިކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދު 2016 ގެ ޖަދުވަލު 4 ގައިވާ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ޓްރިވެންޑްރަމް އަދި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

          ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ޓްރިވަންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިންނެވެ.

          ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

           ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

         ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ރަޖިސްޓަރީ ކުރުން އޮންނާނީ 14 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހުން ފެށިގެން 21 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހުގެ ނިޔަލަށް، އާދިއްތަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި އާދިއްތަ ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ޞަފަރު   1438

13 ނޮވެމްބަރ 2016