Election Commission of Maldives

ކެންޑިޑޭޓުގެ މަންދޫބަށް ވުމަށް ފުރުސަތު ހުޅުވާލުން

05 ޑިސެމްބަރު 2016, 12:00 އިއުލާން

ނަންބަރު:(A)DA-2016/225

އިޢުލާން

ކެންޑިޑޭޓުގެ މަންދޫބަށް ވުމަށް ފުރުސަތު ހުޅުވާލުން

2017 ޖެނުއަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2017 ގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް 2016 ޑިސެމްބަރު 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2016 ޑިސެމްބަރު 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކު ކަމުގައިވުން.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  5. ފަނޑިޔާރަކުކަމުގައި އަދި މިނިވަން މުއައްސަސާ ތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
  7. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު މިލިންކުން ފެންނަން ހުންނާނެއެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ރަބީޢުލް ޢައްވަލް 1438

5 ޑިސެމްބަރު 2016