Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

05 ފެބުރުއަރީ 2017, 12:00 އިއުލާން

ނަންބަރު:(A)DA-2017/24

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިކޮމިޝަނުގެ ނަންބަރު A)DA-2016/223) )05 ޑިސެންބަރު 2016( އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

2017 އޭޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތައް)  2017 ފެބުރުވަރީ 5 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މޮނިޓަރުކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ

(ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން، ނުވަތަ

(ނ) ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން ކުރިމަތިލުމަށް ފޯމު ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

2016 ނޮވެންބަރު 10 އިން 2016 ޑިސެންބަރު 14 އާއި ދެމެދު މޮނިޓަރުންނަށްވުމަށް އެދި ފޯމު ހުށައެޅުމަށް މިކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި، ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޮނިޓަރުންނަށްވުމަށް ހުއްދަދެވިފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ ފޯމު ބާތިލްކުރެވިފައިވާ ފަރާތްތަކަށް މިމުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެއެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    08  ޖުމާދަލްއައްވަލް  1438               

    05 ފެބުރުވަރީ  2017