Election Commission of Maldives

އިކުއިޑޯގެ ޢާންމު އިންތިޚާބު 2017 އޮބްޒާރވް ކުރުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

22 ފެބުރުއަރީ 2017, 12:00 ޚަބަރު

ނަންބަރު:14/NR)BA-2017)

އިކުއިޑޯގެ ޢާންމު އިންތިޚާބު 2017 އޮބްޒާރވް ކުރުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ


ކޮންސެޖޯ ނޭޝަނަލް އިލެކްޓޯރަލް އޮފް އިކުއިޑޯ (ސީ.އެން.އީ) އިން އިންތިޒާމުކޮށްގެން 2017 ފެބުރުވަރީ 16 އިން 23 އަށް އިކުއިޑޯގެ ވެރިރަށް ކުއިޓޯގައި ކުރިއަށްދާ 'އިލެކްޝަން ވިޒިޓަރ ޕްރޮގްރާމް' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޝަކީލް އަދި އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ފައިސަލްއެވެ. 8 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިކުއިޑޯގެ ޢާންމު އިންތިޚާބު އޮބްޒާރވްކުރުމުގެ ޕްރޮގްރާމެކެވެ. އިކުއިޑޯގެ އާންމު އިންތިޚާބަކީ އެ ޤައުމުގެ ރައީސް، ނާއިބު ރައީސް،ޖެނެރަލް އެސެމްބްލީ މެންބަރުން އަދި ޕްރޮވިންޝިއަލް އެސެމްބްލީ މެންބަރުންގެ އިތުރުން ޤައުމުން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންގެ މަންދޫބޫންނާއި އިކުއިޑޯ އެންޑިއަން ޕާރލިމަންޓު މެންބަރުންވެސް ހޮވުމަށް ބާއްވާ އިންތިޚާބެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ތަފާތު އިންތިޚާބީ ނިޒާމުތައް ދެނެގަތުމާއި، އެކި ޤައުމުތަކުގައި އިންތިޚާބު ބާއްވާގޮތްތަކުގެ މައުލޫމާތާއި ތަޖުރިބާ ބައިވެރިންގެ މެދުގައި ހިއްސާކޮށް އިންތިޚާބީ ނިޒާމު ހަރުދަނާކުރުމެވެ. މި ޕްރޮގްރާމުގައި އިކުއިޑޯގެ އިންތިޚާބީ ނިޒާމަށް އަހުލުވެރިވެ، އިންތިޚާބީ މަރުކަޒުތަކަށް އަމަލީގޮތުން ވަޑައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިކުއިޑޯގެ ޢާންމު އިންތިޚާބު އޮބްޒާރވް ކުރުމުގައި ދިވެހިރާއްޖޭގެ އިތުރުން 16 ޤައުމެއްގެ އިލެކްޝަންސް ކޮމިޝަނަކުން 35 މަންދޫބުން ވަނީ ބައިވެރިވެފައެވެ.