Election Commission of Maldives

މޮބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ސުންގަޑި ބަދަލުވުން

08 މާޗް 2017, 12:00 ޚަބަރު

 

މޮބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ސުންގަޑި ބަދަލުވުން.

    2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް ގާއިމުކޮށްފައިވާ މޮބައިލް ސްޓޭޝަންތަކުން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ސުންގަޑިއަށް ވަނީ ބަދަލުގެނެވިފައެވެ.

    މިގޮތުން، ހުޅުމާލެ އަދި ވިލިނގިލީ ފެރީ ޓަރމިނަލްތަކުގައި ބަހައްޓާފައިވާ މޮބައިލް ސްޓޭޝަންތަކުން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ކުރީގައި ހަމަޖެހިފައިވަނީ 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 16:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު މި ސުންގަޑިވަނީ  2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް ބަދަލުކުރެވިފައެވެ.

    ހުޅުމާލެ އަދި ވިލިނގިލީގައި ބަހައްޓާ މޮބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުމުގެ ސުންގަޑިއަށް ބަދަލުއައިނަމަވެސް، އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ރީ-ރަޖިސްޓަރީވުމަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ސުންގަޑިއަކީ ކުރީގައިވެސް ކަނޑައެޅިފައިވާގޮތަށް 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 15:00އެވެ.

    ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމާއެކު އެމީހެއްގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. ހަމައެއާއިއެކު އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިނުވެއެވެ.

08 މާރިޗު 2017