Election Commission of Maldives

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

04 އޭޕްރީލް 2017, 12:00 އިއުލާން

ނަންބަރު:130(A)EA-2017/   

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ލިސްޓަށް ޝަކުވާ

ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާންމުކޮށްފީމެވެ. މި ލިސްޓުގައިވާ، ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ތަނާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2017 އޭޕްރީލް 08 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި އަދި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ  އޮފީސްތަކުން  ޢާންމުކޮށް ފެންނަން  ހުންނާނެއެވެ. މީގެއިތުރުން (VR (Space) IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި ގއ. ވިލިނގިލީގައި ނަމަ ގއ. ވިލިނގިލި ކައުންސިލް އިދާރާގައި، ގއ. ވިލިނގިލި ސިއްޚީ މަރުކަޒުގައި އަދި ގއ. ވިލިނގިލި އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢާންމުކޮށް ފެންނަން  ހުންނާނެއެވެ. 

މި ލިސްޓުގައިވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ތަނާ ބެހޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް، ނުވަތަ ވޯޓު ދިނުމަށް ރަޖިސްޓަރީ ވެފައިވާ ތަނާ ބެހޭ ގޮތުން ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. ރާއްޖޭންބޭރުގައިނަމަ ރަޖިސްޓަރީ ކުރުން އޮންނާނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2017 އޭޕްރީލް 05 އިން 2017 އޭޕްރީލް 08 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު :0003 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. އަދި ރާއްޖޭންބޭރުގައިނަމަ ޝަކުވާ ހުށަހަޅާނީ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި ބަންދު ދުވަސް ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.

އަދި ދަންނަވަމެވެ. މި ލިސްޓުގައިވާ އެހެން މަޢުލޫމާތުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2017 މާރިޗު 25 ގައި ހަމަވެފައިވާތީ، މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުންނެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ރަޖަބު  1438

04 އޭޕްރީލް 2017