Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފި

24 އޭޕްރީލް 2017, 12:00 ޚަބަރު

ނަންބަރު:35/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފި.
 

       2017 މެއި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

       މިއަދު (2017 އެޕްރީލް 24) އިން ފެށިގެން 2017 މެއި 03 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއަދާއި މާދަމާ ކުރިއަށް ދާނީ ވޯޓު ފޮށީގެ ވެރިންނާއި ވެރިންގެ އެހީތެރިންނަށް ޚާއްޞަކޮށް ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ކަސްޓަމް ހޯލްގެ އިތުރުން އިންތިޚާބީ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ.

      ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ކޮމިޝަނުގެ މެންބަރ މުޙައްމަދު ޝަކީލް އާއި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ އިތުރުން މި ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

      2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 1496 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު 255,987 މީހުންނަށް ލިބިފައިވެއެވެ. ހަމައެއާއިއެކު މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

      ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަދު (2017 އެޕްރީލް 24) ފެށިއިރު، އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ އިއްޔެ (2017 އެޕްރީލް 23) ފަށާފައެވެ.