Election Commission of Maldives

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގެ ވޯޓުލުން 2017 އޮގަސްޓް 19 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެ

17 އޮގަސްޓް 2017, 12:00 ޚަބަރު

ނަންބަރު:46/NR)BA-2017)

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގެ ވޯޓުލުން 2017 އޮގަސްޓް 19 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެ


      ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގެ ވޯޓުލުން 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ. 2 ކެންޑިޑޭޓަކު ކުރިމަތިލާފައިވާ މި ބައި-އިލެކްޝަނުގައި ވާދަކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިންނެވެ.

      2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގެެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަގޮތުން އެދޭ ފަރާތްތަކަށް، އަދި މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި އެކަމަށްއެދި ހުށަހެޅި 8 ފަރާތަކުން މި އިންތިޚާބުގައި ހަރަކާތްތެރިވާނެއެވެ.

ޖުމްލަ 338 މީހުނަަށް ވޯޓުލުމުގެ ހައްޤުލިބިފައިވާ މި ބައި-އިލެކްޝަނުގައި މާލޭގައި (އިންތިޚާބީ މަރުކަޒު – ބައު ޖަމާލުއްދީން) ބަހައްޓާ ވޯޓު ފޮށްޓަށް 112 މީހުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާއިރު، ބ.ކަމަދޫގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވަނީ 226 މީހުންނެވެ.

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގެ ވޯޓު ކަރުދާހާއި އެހެނިހެން ތަކެއްޗާއި އެކު އިލެކްޝަންސް ކޮމިޝަނުގެ 2 އޮފިޝަލުން މިއަދު މެންދުރުފަހު 14:00 ގައި މާލެއިން ބ.ކަމަދޫއަށް ފުރާފައިވާއިރު، މި ބައި-އިލެކްޝަނުގައި ޖުމްލަ 12 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. މާލޭގައި ބަހައްޓާ ވޯޓު ފޮށީގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓްރެއިނިންގ، 2017 އޮގަސްޓް 16 ވީ ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ބ.ކަމަދޫގައި ބަހައްޓާ ވޯޓުފޮށީގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބާއްވާ ޓްރެއިނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓް 18 ވާ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައި ބ.ކަމަދޫގައެވެ.

 17 އޮގަސްޓް 2017