Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

19 މާޗް 2015, 12:00 ޚަބަރު

ސިޔާސީ ބައެއް ޕާޓީތަކުން މިހާރު މާލޭގައި ހިންގާ ސިޔާސީ ޙަތަކާތްތަކުގެ ސަބަބުން އެކި ފަރާތްތަކަށް އުނދަގޫތަކާއި ކުރިމަތިވެ ބައެއް ފަރަތްތަކުން ތަފާތު އެކި އެކި ގެއްލުންތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމުގެ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު 11:00ގައި އިލެކްޝަންސް ކޮމިޝަންގައެވެ. ދެގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމުގައި މިހާރު މާލޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ސުކޫލުތަކާއި، ހޮސްޕިޓަލްތަކަށް އުނދަގޫވަމުންދާތީ އާއި ކުދިން ސުކޫލަށް ނުފޮނުވުމަށް ގޮވައިލުން ފަދަ ކަންކަމުން ޢާންމު ފަރުދުންނާއި، ޙިދުމަތްދޭ ތަންތަނަށް އަދި ޚާއްޞަކޮށް ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރު ކުރާތީ ބައްދަލުވުމުގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި މިކަމުގައި ކޮމިޝަންތަކުން އަދާކުރެވިދާނެ ދައުރާއި އަދި ޤާނޫނީ ގޮތުން ފާހަގަކުރެވޭ ނުކުތާތަކާމެދު ބައިވެރިންވަނީ ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައިއެވެ. އަދި، ދިވެހި މުޖުތަމަޢު އާއި ޢާންމު ފަރުދުންގެ ހައްޤުގައި މިކަން ޙައްލުކުރެވޭތޯ މަސައްކަތްތަކެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ފެށި މިމަސައްކަތުގައި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗައް ތަފްޞީލުކޮށް ހުރިހާ ބައިވެރިންވެސް ވާހަކަ ފުޅު ދެއްކެވިއެވެ. ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ދެއްވި އެއްބާރުލުން ފަހަގަ ކުރައްވައި އެފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ޝުކުރު އަދާކުރެއްވި އެވެ.