Election Commission of Maldives

އޭ-ވެބްގެ 3 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017, 12:00 ޚަބަރު

ނަންބަރު:49/NR)BA-2017)

އޭ-ވެބްގެ 3 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ


އެސޯސިއޭޝަން އޮފް ވޯރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން އިންތިޒާމްކޮށްގެން 2017 އޮގަސްޓް 31 އިން 2017 ސެޕްޓެންބަރު 02 އަށް ރޯމޭނިއާގެ ބިއުކަރެސްޓްގައި ކުރިއަށްދިޔަ އޭ-ވެބްގެ 3 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިއެސެމްބްލީގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު އިސްމާއިލް ޙަބީބު އަބްދުޢްރަހީމް އަދި ޑިރެކްޓަރ އަބްދުއްރަހްމާން ސަލާޙް ރަޝީދުއެވެ.     

މިއެސެމްބްލީގެ ބައިވެރިން ވަނީ ވޯޓު ގުނުމާއި، ވޯޓިންގ ނިޒާމުތަށް، އަދި އިންތިޚާބުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ހަމައެއާއެކު އެކި ގައުމުތަކުން އިންތިޚާބުތަކުގައި އަމަލުކުރާގޮތް ހިއްސާކޮށް ހިޔާލުބަދަލުކޮށްފައެވެ.

އޭ-ވެބްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތައް ތަމްސީލްކުރާ ޖަމިއްޔާއެކެވެ. އޭ-ވެބްގެ މިދައުރުގެ ޗެއަރ އަކީ ޕާރމަނަންޓް އިލެކްޓޯރަލް އޮތޯރިޓީ އޮފް ރޯމޭނިއާ (ޕީ.އީ.އޭ) އެވެ. އަދި މި ދައުރުގެ ސެކްރެޓަރީ ޖެނެރަލް އާއި އެގްޒެކެޓިވް ބޯޑުގެ މަގާމަށްވެސް އައު މެންބަރުން ވަނީ މި އެސެމްބްލީގައި އައްޔަންކުރެވިފައެވެ.  

މިއެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން 64 ގައުމެށްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

06 ސެޕްޓެންބަރު 2017