Election Commission of Maldives

ނޫސް ބަޔާން

31 އޮކްޓޯބަރ 2017, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ބައިނަލްއަޤުވާމީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހަމާކަން ބޮޑު، ދެފުށްފެންނަ ގޮތަށް ބާއްވާނެ އިންތިޚާބެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެމެވެ.

ނަމަވެސް، މި ހަފްތާ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރި ވަގުތާއި ދިމާކޮށް ސިޔާސީ އެކި އެކި ފަރާތްތަކުން އިންތިޚާބުގެ ކަންކަމުގައި މި ކޮމިޝަނުން ކުރައްވަމުންގެންދާ މަސައްކަތްކުގެ އަސްލު އޮޅުވާލާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ތަސައްވުރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ހަގީގަތާއި ޚިލާފު ތަފާތު ވާހަކަތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދައްކަމުން ގެންދާކަން ފާހަގަކުރެވެއެވެ.

އަދި ދަންނަވަމެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން އިންތިޚާބުތަކާއި ގުޅޭ އެންމެހާ މަސައްކަތްތަކަކީ ވެސް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އަދި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމުގައި އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ. 

އެގޮތުން ފާއިތުވެދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީވެސް މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ކުރިއަށްގެންދެވުނު އިންތިޚާބެއް ކަމުގައި ރާއްޖޭގެ އެންމެހާ ސިޔާސީ ޕާޓީތަކުންނާއި އިންތިޚާބު އޮބްޒާވްކުރުމުގައި ބައިވެރިވި ބޭރުގެ އޮބްޒާވަރުންވެސް ބަލައިގެންފައިވާ އިންތިޚާބެއް ކަމުގައި ދަންނަވަމެވެ.

ހަމައެގޮތަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ ވެސް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ފަހިވެގެން ކުރިއަށްގެންދެވޭނެ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް މި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރުންމަތީ ދެމިތިބޭނެކަމަށާއި މި ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަގީގަތް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

31 އޮކްޓޫބަރު 2017

11 ޞަފަރު 1439