Election Commission of Maldives

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފުވެގެން އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީ އާއި އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފި

26 މާޗް 2015, 12:00 ޚަބަރު

މާލޭގައި ބާއްވަމުން ގެންދާ މުޒާހަރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އަދާލަތު ޕާޓީއިން ސިޔާސީ ޕާޓީގެ ޤާނޫނާއި، ޞުލަޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ޤާނޫނާ ޙިލާފަށް، ފުލުހުންނަށް ޙަމަލާ ދިނުމާއި، ޢާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި ޢަމަލުތަކަށް ގޮވައިލުން ފަދަ، ޢަމަލުތައް ހިންގާފައިވާތީއާ، އަދި ތަކުރާރުކޮށް މޯލްޑީވްސް ފޮލިސް ސާވިސް އާއި އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުންތަކަށް ތަބާނުވެ، އިސްވެ ދެންނެވުނު ކަންތައް ތަކުރާރުކުރަމުން ދިއުމުގެ ސަބަބުން މިއަދު މިކޮމިޝަނުން މިދެޕާޓީ ޖޫރިމަނާ ކޮށްފިއެވެ.

މި ދެ ޕާޓި ޖޫރިމަނާކޮށް ވަކިވަކިން ފޮނުވާފައިވާ ސިޓީތަކުގައި ޖޫރިމަނާކުރަން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ޚިލާފުވެފައިވާތި އެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުންކަން ފާހަގަކޮށްފައިވެއެވެ.

މިގޮތުން އެމް.ޑީ.ޕީ ޖޫރިމަނާ ކޮށްފައިވަނީ 47،000ރ. )ސާޅީސް ހަތްހާސް ރުފިޔާ)  އިން، އަދި އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ 33،000ރ. (ތެއްތިރީސް ހާސް ރުފިޔާ) އިން ނެވެ. އަދި 7 ދުވަސް ތެރޭގައި މިފައިސާ އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް މިދެޕާޓީއަށް ފޮނުވާފައިވާ ސިޓީގައި އަންގާފައިވެއެވެ.

އަދި ކުރިޔަށް އޮތްތަނުގައި ޕާޓީން ހިންގާ މުޒާހަރާ ތަކުގައި މިފަދަ ޢަމަލުތައް ތަކުރާރު ކުރާނަމަ ޕާޓީއާމެދު އަދިވެސް އިތުރު ފިޔަވަޅެއް އަޅަންޖެހިދާނެ ވާހަކަވެސް ސިޓީއިން ދަންނަވާފައިވެއެވެ.