Election Commission of Maldives

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އ.ދ އާއި ވިލާތުގެ އިއްތިހާދާއާއެކު މަޝްވަރާކޮށްފި

20 ފެބުރުއަރީ 2018, 12:00 ޚަބަރު

ނަންބަރު:01/NR)BA-2018)

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އ.ދ އާއި ވިލާތުގެ އިއްތިހާދާއާއެކު މަޝްވަރާކޮށްފި

 ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް މަޝްވަރާކުރުމަށްޓަކައި އ.ދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ވަފުދުގެ ބޭފުޅުންނާއި ވިލާތުގެ އިއްތިހާދުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވުނު މި ދެ ބައްދަލުވުމުގައި އ.ދގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ  ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަން ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ ޗީފް، މިސް މޯނާ ރޭޝްވާމީ، އަދި އ.ދގެ ރެސިޑެންޓް ކޯރޑިނޭޓަރ ޝޮކޯ ނޮޑާއެވެ. ވިލާތުގެއިއްތިހާދުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓުންގ-ލައި މާގިއޫއެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނާއިބް ރައީސް އަމްޖަދު މުސްތަފާ، ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް، ކޮމިޝަނުގެ  މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް އަދި ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހްމާން ސަލާހް ރަޝީދުއެވެ.

          އިލެކްޝަން ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުންތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު 2018 އަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިހާތަނަށް ކޮމިޝަނުން އިންތިޚާބަށް ކޮށްފައިވާ މަސައްކަތްތަށް ފުރިހަމަކަމަށް ވިދާޅުވެ އެބޭފުޅުންވަނީ ކޮމިޝަނަށް ތައުރީފް ކުރައްވާފައެވެ. ހަމައެއާއެކު އިންތިޚާބުގެ މަސައްކަތްތަށް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ލަފާވެސް އެބޭފުޅުންވަނީ ކޮމިޝަނަށް އަރުވާފައެވެ. މީގެ އިތުރުން މި ބޭފުޅުން ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު 2017 އަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަގޮތަށް ކުރިއަށް ގެންގޮސްފައިވާ އިންތިޚާބެއް ކަމުގައި ސިޔާސީ ޕާޓީތަކާއި، އިންޓަރނޭޝަނަލް އޮބްޒާރވަރުން ފާހަގަކޮށްފައިވާ އިންތިޚާބަކަށްވީތީ އިލެކްޝަންސް ކޮމިޝަނަށް މަރުހަބާކިޔުއްވާފައެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ވާނެކަމުގެ ޔަގީންކަން ކޮމިޝަނުންވަނީ އެބޭފުޅުންނަށް އަރުވާފައެވެ.


20 ފެބުރުވަރީ 2018