Election Commission of Maldives

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ތާޜީޚް އިޢުލާންކޮށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

09 އޭޕްރީލް 2015, 12:00 ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް، މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2015 ޖޫން 13 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިންތިޚާބަށް ކޮށްފައިވާ އިޢުލާނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 އެޕްރީލް 28 އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިންނެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:30 ން ހަވީރު 4:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.