Election Commission of Maldives

ނޫސް ބަޔާން - NB)BB-2018/3)

15 އޭޕްރީލް 2018, 12:00 ނޫސް ބަޔާން

 

ނޫސް ބަޔާން

ނަންބަރު:(NB)BB-2018/3     29 ރަޖަބު 1439    15 އޭޕްރިލް 2018 (އާދިއްތަ)

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގެ 30 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުމުގެ މިނިވަންކަމުގެ ދަށުން މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ދެފަރާތަކުން މިކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

މިގޮތުން، 2018 އޭޕްރީލް 1 ވަނަ ދުވަހު، "ދަ ގްރޭޓް ގްރީން ކަނެކްޝަން" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅުއްވާފައިވާ ފަރާތަކީ، ސިޔާސީ ޕާޓީގެ ޤަވާއިދު 2013 ގެ 6 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތަކަށް ވާތީ އާއި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅުއްވާފައިވާ ފޯމާއެކު ސިޔާސީ ޕާޓީގެ ޤަވާއިދު 2013 ގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށުގެ ރެކޯޑު ފޯމު ހުށަހަޅުއްވާފައި ނުވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނުން ހުއްދަ ދެވެން ނެތްކަމަށް ނިންމައި އެފަރާތަށް ވަނީ ޖަވާބު ދެވިފައެއެވެ.  

އަދި 2018 އޭޕްރީލް 5 ވަނަ ދުވަހު "މޯލްޑިވިއަން ރިޕަބްލިކަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ ފަރާތުން ހުށަހަޅާފައިވާއިރު،  ސިޔާސީ ޕާޓީގެ ގަވާއިދު 2013 ގެ 6 ވަނަ މާއްދާގެ (ރ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެޕާޓިއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ ކޮމިޝަނުން ޤަބޫލުކުރާ ނަމަކަށް ވާންޖެހޭނެކަމާއި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 14 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފްތަރުގައި ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ނަމަވެސް އެފަރާތުން ހުށަހަޅާފައިވާ ނަމަކީ މީގެ ކުރިން ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖުމްހޫރީ ޕާޓީއަށް އިނގިރޭސި ބަހުން މުޚާތަބުކުރާ ނަން ކަމުގައިވާ "ރިޕަބްލިކަން ޕާޓީ" އާގާތްކުރާ ނަމެއްކަމުގައި ވާތީ، އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ކޮމިޝަނަށް ޤަބޫލުކުރެވޭ ނަމެއް ނޫންކަމަށް ކޮމިޝަނުގެ މެންބަރުންގެ އަޣްލަބިއްޔަތުން ނިންމަވާފައިވާތީ އާއި، މިކަމުގެ ސަބަބުން ކުރިން ރަޖިސްޓަރީކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ މަޞްލަޙަތު ފުށުއަރާނެތީ، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ ފަރާތަށް ދޭން ނުފެންނަކަމުގައި ކޮމިޝަނުން ވަނީ ނިންމަވާފައެވެ.