?> Election Commission of Maldives

އިލެކްޝަންސް ކޮމިޝަން

ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި ބާއްވާ އިންތިޚާބުތައް ދީމިޤްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފުުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި އިންތިޚާބުތަކެއް ހިންގައި ބެލެހެއްޓުމަށްޓަކައި 2008 ވަނަ އަހަރު ޤާއިމްކުރެވިފައިވާ މިނިވަން ޤާނޫނީ ޝަޚްޞެކެވެ. 2008 އޯގަސްޓް 7 ވަނަ ދުވަހު ޢަމަލު ކުރަން ފެށުނު އައު ޤާނޫނުއަސާސީ ގެ ދަށުން އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަން ޤާއިމް ކުރެވުނު އިރު، ކޮމިޝަނަރ އޮފް އިލެކްޝަންސް ގެ އޮފީހުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންތިޚާބުތަކާބެހޭ ވަކި މުއައްސަސާ އަކުން އިންތިޚާބުތަކުގެ މަސައްކަތް ބަލަހައްޓަމުން ގެންގޮސްފައިވެއެވެ. އިލެކްޝަންސް ކޮމިޝަނަކީ، ރާއްޖޭގައި ޤާއިމް ކުރެވެމުން އަންނަ ޑިމޮކްރެޓިކް ވެށި ދުޅަހެޔޮގޮތުގައި ބައްޓަންކުރުމުގައި މައިގަނޑު ދައުރެއް އަދާކުރަމުން ގެންދާ މުއައްސަސާ އެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އިންތިޤާލީ މަރުޙަލާގެ އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 2008 ސެޕްޓެމްބަރު 6 ން 2009 ނޮވެމްބަރ 23 އާ ހަމަޔަށެވެ. އޭގެ ފަހުން 2009 ނޮވެމްބަރ 24 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ ދާއިމީ އިލެކްޝަންސް ކޮމިޝަން އުފެދުނެވެ.

ރާއްޖޭގެ ތާރީޚުގައި، މިނިވަންކަމާއެކު އެކިފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ހާމަކަންބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް އެއް ކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި 2008 ގެ ރިޔާސީ އިންތިޚާބާއި، 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އެންމެ ބޮޑު އިންތިޚާބުކަމަށްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ދިވެހި ރައްޔިތުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބަލައިގަންނަ ފެންވަރަކަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ އިންތިޚާބުތަކެކެވެ.

އަލަށް ޤާއިމްކުރެވުނު މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު މަޤްޞަދަކީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް ހަރުދަނާކަމާ އެކު އަދާކުރެވޭނެ ވަސީލަތްތައް ތަރައްޤީކޮށް، ޤާބިލް މުއައްސަސާއެއްގެ ގޮތުގައި ކޮމިޝަން ބިނާކުރުމެވެ.