Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމަށް ޓްރެއިނަރުން ހޯދުން

24 މެއި 2018, 12:00 އިއުލާން

    ނަންބަރ: (A)AB-2018/77

ޢިއުލާން

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމަށް ޓްރެއިނަރުން ހޯދުން

 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ރާއްޖޭއާއި ރާއްޖޭން ބޭރުގައި ޤާއިމްކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި 70 (ހަތްދިހަ) މީހުން ބޭނުން ވެއްޖެއެވެ. އަދި ޓްރޭނަރުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމެއް މިއަހަރުގެ އޯގަސްޓް މަހުގެ 11 އިން 17 އަށް މާލޭގައި ކުރިއަށް ގެންދެވޭނެއެވެ.

މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ މިކޮމިޝަނުންނެވެ. މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޓްރޭނަރުންގެ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމަށް މާލެއާއި އަތޮޅުތަކުގައި ޙަރާކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ޓްރޭނަރުންނަށް، ޓްރޭނިންގ ކުރިއަށްދާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާގެ އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މިކޮމިޝަނާއެކު އިޤްރާރު ކުރެވި، މާލެއާއި އަތޮޅުގައި އަދި ސިޓީތަކުގައި އޮގަސްޓް 25 އިން ފެށިގެން ސެޕްޓެމްބަރ 1 އަށް އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މިގޮތުން ޓްރޭނަރުންނަށް އޮފިޝަލުންގެ ޓްރޭނިންގ ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތަށް ފޮނުވާނީ [email protected] އަށް ނުވަތަ ހުށައަޅާނީ ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސްޢޫލިއްޔަތު:

  • ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.
  • ރިޔާސީ އިންތިޚާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުން.
  • ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުން.
  • ރިޔާސީ އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުން.
  •  މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން.
  • ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

09 ރަމަޟާން 1439

24 މެއި 2018

ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމް