Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

08 ސެޕްޓެމްބަރު 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާމެދު ރައްޔިތުންގެ ހިތުގައި އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ޝައްކު އުފެދޭ ގޮތަށް އަދި އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ނެތި މީސްމީޑިއާގައި ހަޤީޤަތާ ޚިލާފަށް ޚަބަރުތައް ފެތުރެމުންދާކަމަށް މިކޮމިޝަނަށް ފާހަގަ ކުރެވިފައިވާތީ، ދިވެހި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

ރިޔާސީ އިންތިޚާބު 2018 ގެ ހުރިހާ ކަމެއްވެސް މިކޮމިޝަނުން ކުރަމުންދާނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމުގައި ދަންނަވަމަވެ. އަދި އިންތިޚާބުގެ ކަންކަން ކުރުމުގައި ފާއިތުވެދިޔަ އިންތިޚާބުތަކުގައި ކަންކަން ކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ކަމެއް ކުރުމަށް މިކޮމިޝަނުން ރާވާފައި ނުވާނެއެވެ.

ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އިޢުލާންކުރުމާ ބެހޭގޮތުން މީސްމީޑިއާގައި ފެތުރެމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުހާލާ އާއި ވޯޓުލާ ނިމި، ވޯޓު ގުނައި، ވޯޓުގެ ނަތީޖާ އިޢުލާން ކުރުމުގައިވެސް ޢަމަލު ކުރާނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މީގެ ކުރީގެ އިންތިޚާބުތަކުގައިވެސް ޢަމަލުކޮށްފައިވާ ގޮތަށެވެ. އެގޮތުން، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވޯޓުލާ އެ މަރުކަޒެއްގެ ނަތީޖާ ޝީޓުގައި ސޮއި ކުރުމަށްފަހު، އެ މަރުކަޒުގެ ވަގުތީ ނަތީޖާ ވަގުތުން އެ މަރުކަޒުގައި އިޢުލާންކޮށް، ޢާންމުކޮށް ފެންނަގޮތަށް އެ މަރުކަޒެއްގައި ބެހެއްޓޭނެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. އެގޮތުން ރިޔާސީ އިންތިޚާބު 2018 ގެ އޮފިޝަލަކަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ނުލާ އެއްވެސް މީހަކު އަދި އިންޓަވިއު ނުކުރާ އެއްވެސް މީހަކު އޮފިޝަލަކަށް ނަގާފައި ނުވާނެކަމާއި، އޮފިޝަލުން ނަގާފައިވާނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހޮވިފައިވާ މީހުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ޙަރަކާތްތެރިވާ ކަމަށް ބުނެ މިކޮމިޝަނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ. އެފަދަ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެމައްސަލައެއް ބެލުމަށްފަހު ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމެވެ.

ވޯޓުލުމަށްޓަކައި އަމިއްލަ ގަލަމެއް ނުވެއްދޭނެކަމަށާއި ވޯޓުލުމަށް މިކޮމިޝަނުން ދޫކުރާ ގަލަމަކީ ފާހަގަ ފުހެވޭ، ވަކި ވައްތަރެއްގެ ގަލަން ތަކެއް ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެކެވެ. މިކޮމިޝަނުން ފާހަގަ ޖަހަން ބާއްވާ ގަލަމަކީ ދެލި ފުހެވޭ ގަލަމެއް ނޫނެވެ. އަދި ވޯޓުލާން އަންނައިރު، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އާދައިގެ ގަލަމެއް ގެނައުމަކީ މިކޮމިޝަނުން ތަރުހީބު ދޭ ކަމެކެވެ.

ރިޔާސީ އިންތިޚާބު 2018 އާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް އެއް ވޯޓު ފޮއްޓަށް ވުރެ ގިނަ ވޯޓު ފޮށި ފޮނުވާފައިވާކަމާއި، މިއީ މީގެ ކުރިން އެއްވެސް އިންތިޚާބެއްގައި ޢަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށް ބަޔާންކޮށްފައިވާތީ ދަންނަވަމެވެ. މިއީ، ފާއިތުވެދިޔަ އިންތިޚާބުތަކުގައިވެސް ޢަމަލުކުރާ ގޮތް ކަމާއި، ވޯޓުލާ ފޮށި ފޮނުވާނީ އެ މަރުކަޒަކަށް ވޯޓުލާ މީހުންގެ ނިސްބަތަށް ބެލުމަށްފަހު، 600 މީހުންނަށްވެރެ މަދުން ވޯޓުލާ ރަށްރަށަށް ކުޑަ 1 ފޮށި؛ 600 މީހުންނާއި 1000 މީހުންނާ ދެމެދުގެ ޢަދަދަށް ވޯޓުލާ މަރުކަޒުތަކަށް ކުޑަ 2 ފޮށި؛ އަދި 1000 މީހުންނަށްވުރެ ގިނައިން ވޯޓުލާ މަރުކަޒުތަކަށް ބޮޑު 1 ފޮށި އަދި ކުޑަ 1 ފޮށި ފޮނުވުމަކީ އޭރުވެސް އަދި މިހާރުވެސް މިކަން ކުރާ ގޮތެވެ.

ރިޔާސީ އިންތިޚާބު 2018 އަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބަޔަކު މީހުން މީސްމީޑިއާގައި ޞައްޙަ ނޫން މަޢުލޫމާތު ފަތުރަމުންދާތީ މިކަން ނުކުރަމަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ސުވާލެއް އުފެދޭނަމަ ސީދާ އިލެކްޝަންސް ކޮމިޝަނާ ގުޅުއްވައި، މަޢޫލޫމާތު ސާފުކުރެއްވުން އެދެމެވެ. މީގެ އިތުރުން، މީޑިއާ ވަޞީލަތްތަކުން މިފަދަ ކަމަކާ ގުޅިގެން ކޮމިޝަނުގެ ބަހެއް ނުހޯދައި، ރައްޔިތުންނަށް އޮޅުން އަރާ ފަދަ ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށާއި މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ.

ރިޔާސީ އިންތިޚާބު 2018 އަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މީޑީޔާގެ ވަޞީލަތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މިކޮމިޝަނުން ޝުކުރު ދަންނަވަމެވެ. 

 08 ސެޕްޓެމްބަރ 2018

28 ޛުލްޙިއްޖާ 1439