Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

02 ސެޕްޓެމްބަރު 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން 

2018 އޯގަސްޓު 29 ގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފަށް ނިސްބަތްވާ ގޮތަށް މިހާރު ނޫހުގައި  "ހުޅުވާލެވިފައިވާ ސިޓީއެއް: އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަށް" މި ނަމުގައި މޫސާ ލަތީފް ލިޔުއްވާފައިވާ ލިޔުމަކީ މިހާރު ކުރިއަށްދާ 2018 ގެ ރިޔާސީ އިންތިޚާބާމެދު ރައްޔިތުންގެ ހިތުގައި އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް ޝައްކު އުފެދޭ ގޮތަށް، ޙަޤީޤަތް ހާމަނުކުރައްވައި އަދި އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ނެތި ލިޔުއްވާފައިވާ ލިޔުމެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ހުރިހާ މެންބަރުންނަކީ ވެސް އެބޭފުޅުން މެންބަރުކަމުގެ މަޤާމާ ޙަވާލުވުމުގެ ކުރިން ކުރެއްވި ހުވައާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން މަތިކުރި މަސްއޫލިއްޔަތު އަދާކުރެއްވުންމަތީ ދެމިތިއްބެވި މެންބަރުންނެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ކުލަ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާގެ ތެރެއަށް ވަދެފައި ނުވާނެއެވެ. ދައުލަތުގެ މުއައްސަސާއެއްގެ ގޮތުން، ކޮމިޝަނުގެ ވާޖިބު އަދާކުރުމުގެ ގޮތުން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގެ އިތުރުން، ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލޭފަދަ އެއްވެސް ކަމެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ ގުޅިގެން ކޮށްފައިނުވާނެއެވެ.

އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަކީ ޤާނޫނުއަސާސީ އިން މިކޮމިޝަނާ މަތިކޮށްފައިވާ އެންމެ މުހިންމު ޒިންމާ ކަމަށް ވީހިނދު، ވޯޓުލާން ދިވެހި ރައްޔިތުންނަށް މިކޮމިޝަނުން ހުރަސް އެޅޭނެ ފިޔަވަޅުތަކެއް އަޅާ ވާހަކައަކީ އިންސާނީ ބުއްދިއަށް ޤަބޫލުކުރަން ދަތި ފުލޯކު ވާހަކަތަކެކެވެ.

ރިސޯޓުތަކުގައި ވަކި ޢަދަދަކަށް މީހުން ހަމަވުމުން ވޯޓުލާން ކުރިން ހަމަޖެއްސީ ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ޚަރަދާއި އެކަމުގައި މިކޮމިޝަނުން ތަޙަމައްލު ކުރަން ޖެހުނު ކަންތައްތަކަށް ރިޢާޔަތްކޮށްފައެވެ. އެހެން ވީނަމަވެސް، ރިސޯޓުތަކުގެ މެނޭޖްމަންޓުގެ އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ފަހުން ލިބުމުން އެ ޢަދަދު ބަދަލުކުރީވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ޙައްޤު ފަސޭހައިން ލިބިދިނުމުގެ ބޭނުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކަންކަން ނިންމަނީ ކޮމިޝަނުގެ ރައީސް އެއް ނޫނެވެ. ކޮމިޝަނުން ކަންކަން ނިންމަނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މެންބަރުންގެ އިއްތިފާޤުންނެވެ. ވަކި ބަޔަކު ބުނާ ގޮތަކަށް ނުވަތަ ޕްރެޝަރު ކުރާ ގޮތަކަށް ނޫނެވެ.

ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްވެސް އެހެން ފަހަރުތަކާ ޚިލާފަށް އާގޮތަކަށް މިކޮމިޝަނުން ކޮށްފައި ނުވާނެއެވެ. ވޭތުވެދިޔަ އިންތިޚާބުތަކުގައިވެސް ދައުލަތުގެ މުއައްސަސާތަކުންނާއި ސިވިލް ސަރވިސްގެ އޮފީސްތަކުން ރީ-ރަޖިސްޓްރޭޝަނުގެ މަސައްކަތަށް އެހީތެރިކަން ހޯދާފައިވާނެއެވެ. ރީ-ރަޖިސްޓްރޭޝަނުގެ ސިއްރު މަޢުލޫމާތުތަކެއް އިލެކްޝަންސް ކޮމިޝަނުން ލީކުވި ވާހަކައެއް އެއްވެސް އިރެއްގައި ކޮމިޝަނުގެ ރައީސް އެއްވެސް ތަނެއްގައި ވިދާޅުވެފައެއް ނުވާނެއެވެ.

ސައުތު އެފްރިކާގެ ލެކްސްޓަން ގުރޫޕުގެ ބަޔަކު ރާއްޖެ އައީ ސިއްރަކުންނެއް ނޫނެވެ. އެމީހުން ރާއްޖެ އައުމުގެ ކުރިން އެދަތުރާ ބެހޭ މަޢުލޫމާތު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާ ޙިއްސާ ކުރެވިފައިވާނެއެވެ. ސިޔާސީ ތިން ޕާޓީއަކުން އެ މަޢުލޫމާތު ސެޝަންތަކަށް ޙާޟިރުނުވުމަކީ މިކޮމިޝަނުން ކުރިކަމެއް ނޫނެވެ.

2018 ސެޕްޓެމްބަރު 23 ގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށްޓަކައި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ހިމަނައިގެން ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލެވި، އިންތިޚާބުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، ހުރިހާ ކެންޑިޑޭޓުންނަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުޞަތު ދިނުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކާ މިކޮމިޝަނުން ބައްދަލުކޮށް، އެހީތެރިކަމަށް އެދިފައިވާނެއެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން އުފެދޭ ޝަކުވާގެ ނިޒާމް ބެލުމަށްޓަކައި، ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގަޔާއި ސިޓީ ފެންވަރުގައި ކޮމްޕްލެއިންޓްސް މެކޭނިޒަމް ޤާއިމްކުރެވި އަދި ޤައުމީ ފެންވަރުގައި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މާލޭގައި ޤާއިމް ކުރެވިފައި ވާނެއެވެ. ހިތާމައަކީ މިހާތަނަށް، ތިޔަ ވިދާޅުވި ޒާތުގެ އެއްވެސް ޝަކުވާއެއް މިނިޒާމުގެ ތެރެއިން މިކޮމިޝަނަށް ލިބިފައި ނުވާކަމެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން މިކޮމިޝަނުން މަސައްކަތްކުރާނީ ދިވެހިރައްޔިތުންނަށް ލިބިފައިވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރާންޖެހޭ ހުރިހާ ކަމެއް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކުރުމަށެވެ.   

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިސްވެ ދެންނެވުނު ފަދަ ޚަބަރު ފެތުރުއްވުމުގައި، މީޑިޔާތަކުން މިހާރަށްވުރެ ޛިންމާދާރުކަމާއެކު ޚަބަރު ފެތުރުއްވުމަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ. އަދި ރިޔާސީ އިންތިޚާބު 2018 އަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މީޑީޔާގެ ވަޞީލަތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މިކޮމިޝަނުން ޝުކުރު އަދާކުރަމެވެ.

 22 ޛުލްޙިއްޖާ 1439

 02 ސެޕްޓެމްބަރ 2018