Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

02 އޮކްޓޯބަރ 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

 2018ސެޕްޓެމްބަރ 23 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިޚާބު ތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް އާންމު ކުރެވުނު އިންތިޚާބަށްވެފައި، އަދި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ބައިނަލް އަޤްވާމީ އޮބްޒާވާރުންނާއި، އަދި މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބަލައިގަނެފައިވާ އިންތިޚާބެކެވެ.

އެހެން ނަމަވެސް، ރަސްމީ ސިފައެއްގައި މި އިންތިޚާބުގެ ވަޤުތީ އަދި ރަސްމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މި ކޮމިޝަނަށް މިއަދާ ހަމައަށް ހުށައެޅިފައިނުވާ ނުވާއިރު، ކޮމިޝަނުގެ މެންބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މީސް މީޑިއާގައާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ރައީސް އާއި މެންބަރުންނާއި، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންނަށް ބިރުދައްކާ، މަރުގެ އިންޒާރުދީ ހަދަމުން ދާތީ ދަންނަވަމެވެ. މި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ޢަމަލު ކުރަމުންދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށެވެ.

މި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މިހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

02 އޮކްޓޯބަރ 2018

22 މުޙައްރަމް 1440