Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލުން

04 ފެބުރުއަރީ 2020, 09:00 އިއުލާން
އިޢުލާން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ނަންބަރު(A)CA-2020/43 :

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ ބާބާއި 4 ވަނަ ބާބާއި 5 ވަނަ ބާބުގެ ދަށުން އެކުލަވާލާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަންނަނިވި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް       އެ ފުރުޞަތު، 2020 ފެބްރުއަރީ 05 ވާ ބުދަ ދުވަހުގެ 8:30 ން ފެށިގެން، 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

  • އަތޮޅު ކައުންސިލްގެ ރައީސް؛
  • ރަށު ކައުންސިލްގެ ރައީސް؛ ރަށު ކައުންސިލްގެ އަންހެން މެންބަރު؛ ރަށު ކައުންސިލްގެ މެންބަރު؛
  • ސިޓީ ކައުންސިލްގެ މޭޔަރު؛ ސިޓީ ކައުންސިލްގެ މެންބަރު

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  7. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  9. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
  11. (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. އިންތިޚާބަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
  3. އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓާއި އެމީހުންގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު.
  5. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޕާޓީގެ ޤަރާރު.
  6. އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ނިޝާން ނުވަތަ ލޯގޯ ބޭނުންކުރާނަމަ ނިޝާން ނުވަތަ ލޯގޯ.
  7. އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ.
  8. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ (ނަގުދު ފައިސާ ނުވަތަ ބޭންކް ގެރެންޓީ ޗެކް).
  9. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަ ކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  10. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަ ކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުރިހަމަ ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  12. ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަ ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  • އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑަކީ، 2020 ފެބްރުއަރީ 4 މި ތާރީޚުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑް ފޯމަކީ، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފޯމަކަށް ވާންވާނެއެވެ.

  13. ސީޑީ

ސީޑީގައި ހިމަނަންޖެހޭ ތަކެތި:

  • ކެންޑިޑޭޓުގެ ޕާސްޕޯޓު ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ)
  • އިންތިޚާބުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)
  • އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ފޯނު ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި)
  • އަމިއްލަގޮތުން ކުރިމަތިލާ މީހުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ ގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 ފެބްރުއަރީ 05 ވާ ބުދަ ދުވަހުގެ 8:30 ން ފެށިގެން، 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ތިރީގައިވާ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް

ރަސްމީ ބަންދު ނޫން ދުވަސްތަކުގައި

08:30 ން 15:00 އަށް

ހުކުރު ދުވަހު

15:00 ން 17:00 އަށް

ރަސްމީ ބަންދު ދުވަސްތަކުގައި

09:00 ން 15:00 އަށް

އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން:

އިންތިޚާބާ ބެހޭ މަރުކަޒު،  ބައު ޖަމާލުއްދީން (ޓްރެއިނިންގ ހޯލު)

 

ފޯމު ހުށަހަޅަން އަންނަނީ އިންތިޚާބަށް ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހުށަހަޅަން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ތެރޭގައެވެ.         މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2020 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީ މަގު) އިންނާއި އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ރިސެޕްޝަނުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

10 ޖުމާދުލްއާޚިރާ 1441

04 ފެބްރުއަރީ   2020

 

އެޕްލިކޭޝަން ފޯމު

ކެންޑިޑޭޓުންގެ އިޤުރާރު

ސިޔާސީ ޕާޓީތަކުގެ ޤަރާރު

ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑް ސާފުކުރާ ފޯމު

އަމިއްލަގޮތުން ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ 50 މީހުންގެ ލިސްޓް ފޯމެޓް