Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

14 ފެބުރުއަރީ 2021, 02:00 އިއުލާން

ނަންބަރު: (IUL)38-AB/38/2021/41

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 33 (ތިރީސް ތިނެއް) ޓްރޭނަރުން ހޯދުމަށް އިޢުލާނުކުރީމެވެ.

 

އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2021 މާރިޗް 06 އިން 2021 މާރިޗް 13 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ. ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިޤުރާރު ކުރެވޭނެއެވެ. ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 (އެއްހާސް އަށްސަތޭކަ) ގެ އުޖޫރައެއް ދެވޭނެއެވެ.  

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އަދި ދަންނަވަމެވެ. 2020 ވަނަ އަހަރު ތަމްރީން ލިބިވަޑައިގެންފައިވާ ޓްރެއިނަރުން އަލުން ފޯމު ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު

  1. މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން. ނުވަތަ،
  2. ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. މީގެ އިތުރުން، އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު

  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.
  • އިންތިޚާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުން.
  • ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުން.
  • އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.

 

02 ރަޖަބު 1442

14 ފެބްރުއަރީ 2021