Election Commission of Maldives

ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން ނެރޭ ބަޔާން

15 ސެޕްޓެމްބަރު 2020, 08:00 ނޫސް ބަޔާން
ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން ނެރޭ ބަޔާން

ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން ނެރޭ ބަޔާން

ދުނިޔޭގެ ޑިމޮކްރެސީގެ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ދިވެހި އެންމެހައި އަޚުންނާއި އުޚްތުންނަށް އަރިސްކުރަން. ޑިމޮކްރެސީ ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާ މިދުވަސްވަރަކީ، ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ، ބިރުވެރި ނުރައްކާތެރި ރޯގާއެއް އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ދުވަސްވަރެއް. މި ރޯގާގެ ބަލިމަޑުކަން މުޅި ދުނިޔެ މިދަނީ ތަޙައްމަލުކުރަމުން. ޑިމޮކްރެސީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިން ހިންގި ޙަރަކާތްތަކެއް ހިންގުމަށްވެސް އެކަށީގެންވާ މާޙައުލެއްނެތި.

ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު. ދިވެހިރާއްޖޭގެ އައު ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފައި. ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި، ދައުލަތް ހިންގުމުގައި، ވެރިކަން ކުރުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ވަކި ކުރެވިފައި އޮންނަންޖެހޭއިރު، ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުން. މިގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއް. އެހެންކަމުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޛިންމާއެއް.

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ. އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. އެހެންކަމުން، މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭ. މިނިވަން މި މާނަކުރެވެނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ލިބުމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ބޭއްވޭ އިންތިޚާބުތަކަށް. ޢަދުލުވެރި މިބަހުގެ މުރާދަކީ، ވަކިފަރާތަކަށް ޖެހުމެއްނެތި އިންސާފުވެރިކަމާއިއެކު އިންތިޚާބުގެ ހުރިހާ ކަމެއް ހިންގުން. މިނިވަން ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި މީޑިޔާއަށާއި އިންތިޚާބު އޮބްޒަރވްކުރާ ފަރާތްތަކަށް އިންތިޚާބު ހިނގަމުންދާ ގޮތް ބެލުމުގެ ފުރުޞަތު އޮވޭ. އިންތިޚާބުތަކުގައި އެ މީހަކު ވޯޓުދޭނީ ކާކަށްކަން ނިންމާނީ އެ މީހަކު އަމިއްލަޔަށް.

ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއް. ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެ. ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެ. މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްޤެއް.

ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު. ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ. ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭ.

އެހެންކަމުން، އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން އަޅުގަނޑުމެން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޛިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހޭ. ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ.

މުޖްތަމަޢަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމަޢުގައި އަށަގެންނެވުމަކީ އެންމެންގެ ޛިންމާއެއްކަމުގައި ދެކެމާތޯ؟ ދިވެހިރާއްޖެ ޑިމޮކްރެސީ އަށް ކުރާ ދަތުރުގައި، މާތްﷲ ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މުޖްތަމަޢަކީ އެއްބަޔެއްވަންތަ މުޖްތަމަޢެއް ކަމުގައި ލައްވާށި. އާމީން.