ނޫސް ބަޔާން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 12/2008 (ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު) ގެ ދަށުން 2018 ގެ ރިޔާސީ އިންތިޚާބު، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިގެންދަނީ މި ކޮމިޝަނުން ކުރަމުންނެވެ. އަދި ހަމައެއާއެކު، މި އިންތިޚާބު ރަސްމީކޮށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖުލައި މަހުގައި އިޢުލާނުކުރެވޭނެއެވެ.
2017 ގައި މި ކޮމިޝަނުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށް އެކަން އިޢުލާނުކޮށްފައިވާކަން ފާހަގަކުރަމުން، މިއަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަމުގައި ވާނޭ ކަމުގެ ޔަޤީންކަން ދިވެހި އެންމެ ރައްޔިތުންނަށާއި، އަދި ބޭރުގެ ފަރާތްތަކަށް އަރުވަމެވެ. އަދި ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް މި ކޮމިޝަނުން ފަށާފައިވާ ކަމުގައިވެސް ދަންނަވަމެވެ. އަދި ހަމައެއާއެކު، އިންތިޚާބުތަކުގައި އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާނޭ ކަމަށާއި، ޚާއްޞަގޮތެއްގައި ދައުލަތާއެކު އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛުކުރަމުންގެންދާ ވާހަކަވެސް ދަންނަވަމެވެ.
06 ޖުމާދަލްއާޙިރު 1439
22ފެބުރުވަރީ 0182