ނަންބަރު: NB)BA-2015/2)
ނޫސްބަޔާން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިހާރު މާލޭގައި ކުރަމުން ގެންދާ މުޒާހަރާ ތަކުގައި ކަޅުތެޔޮޖެހުން ފަދަ ކަންކަން ހިންގަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ އެމް.ޑީ.ޕީގެ ފަރާތުން މިކޮމިޝަނަށް 18 މާރިޗް 2015 ވަނަ ދުވަހު ހުށައަޅުއްވާފައި ވެއެވެ.
އެކަމުގެ ޙައްލެއް ހޯދުމަށާއި، ސިޔާސީ ޕާޓީތަކުން ޤާނޫނުގައި ޤަވާއިދުގެ އިމުގެތެރެއިން ބާއްވަވާ އެއްވުންތަކަށް ލިބިދެވޭ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ޔަޤީން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 23 މާރިޗް 2015ގައި މިކޮމިޝަނުން ފުލުހުންނާއެކު އެމް.ޑީ.ޕީއާއި ބައްދަލު ކުރުމަށް ކުރި މަސައްކަތުގައި ފުލުހުންނާއެކު ބައްދަލުވުމުގައި ބައިވެރި ވާން ބޭނުން ނުވާކަމަށް ބުނުއްވާ އެމް.ޑީ.ޕީގެ އޮފިޝަލުން އިތުރު ފުރުސަތެއް ނުދެއްވައި މިކޮމިޝަންގެ ބައްދަލުވުން ދޫކުރައްވައި ވަނީ ނުކުންނަވާފައެވެ.
ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކާމެދު އަދި އެނޫން ކަންކަމާ މެދުވެސް މިކޮމިޝަނުން ރާވަނީ ވާހަކަ ދައްކައިގެން ޞުލްޙަވެރި ކަމާއެކު އެކަމެއްގެ ޙައްލު ހޯދުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް އެމް.ޑީ.ޕީއިން މިދެންނެވި ރޫޙާ ޚިލާފަށް ޢަމަލު ކުރައްވާފައިވާތީ މިކޮމިޝަނުން ކަންބޮޑުވަމެވެ. އަދި މިފަދަ ކަންކަމުގައި ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން ޙައްލު ހޯދުމަށް މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ.