LCE & WDC 2026

އިންތިޚާބާ ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސް

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026  އާ ގުޅިގެން މަޢުލޫމާތު ޙިއްސާކުރުމަށް މި ކޮމިޝަނުން މިއަދު ވަނީ ނިއުސް ކޮންފަރެންސެއް ބާއްވާފައެވެ.

 

އިންތިޚާބާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުން މިކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް ބައިވެރިވެ ވަޑައިގަތެވެ.

 

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

ޕްރެސްގައި އިންތިޚާބާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވަނީ މީޑިއާއަށް ޙިއްސާކޮށްފައެވެ. އެގޮތުން އިންތިޚާބު ކުރިއަށްދާނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށްކަމާއި އިންތިޚާބުކުރަންޖެހޭ ގޮތުގެ ތަފްޞީލްތަކާއި އިންތިޚާބުގެ މުހިންމު ތާރީޚުތައް ވަނީ އާންމުކޮށްފައެވެ. މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރެވިގެންދާނެއެވެ. އަދި މިއަހަރު ބާއްވާ އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެެއެވެ.

 

ޕްރެސްގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށްޓަކައި ހުޅުވާލާފައިވާ ފުރުޞަތު 2026 ޖަނަވަރީ 18 ގެ މެންދުރުފަހު 3:00 އަށް ހަމަވާނެކަމަށާއި، މި މުއްދަތު ތެރޭގައި ރަޖިސްޓަރީގައިވާ މަޢުލޫމާތު ޗެކްކޮށް ގުޅުންހުރި ލިޔެކިއުންތަކާއެކު މުއްދަތު ހަމަވުމުގެ ކުރިން މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް، ކޮމިޝަނުގެ ނާއިބު ރައީސް އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަހަރުގެ ވޯޓު ފޮށިތައް ބަހައްޓާގޮތުގެ ތަފްސީލްތަކާއި މިފަހަރު ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓޭނީ ސްރީލަންކާ އަދި މެލޭޝިއާގައި އެކަނިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

 

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

މިއަދުގެ ޕްރެސް ކޮންފެރެންސްގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚު ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން  އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން 2026 ޖަނަވަރީ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 ނިޔަލަށް މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ކެންޑިޑޭޓަކު ފޯމު ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މިއީ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުން ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރުކަމަށާއި ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ ފޯމު ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ބޭނުމުގައިކަމެވެ. އަދި އިންތިޚާބަށް ކުރިމަތި ލައްވާ ބޭފުޅުން ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު، ޤާނޫނުގައި ބުނާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން ހިމެނޭއިރު، ފައިސާއެއް ދައްކަން ޙުކުމް ކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށް، ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުއްވުމަށާއި އެލިޔުމަކީ އެފައިސާއެއް ދައްކަމުންދާކަން ސާބިތުވާނެ ލިޔެކިއުމެއްކަން ކަށަވަރުކުރުމަކީ ކެންޑިޑޭޓަކަށް ވުމަށް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ވަރަށް މުހިންމު ކަމެއްކަމަށް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

 

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާނަމަ އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 2026 ޖަނަވަރީ 14 ވާ ބުދަ ދުވަހުން ފެށިގެން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް އެދިފައިވެއެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ލަފާދޭ ޤައުމީ ކޮމިޓީ ބައްދަލުވުންވެސް މިއަދު ފެށިފައިވާކަން ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ދަޢުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމްއިއްޔާއަކުން ޖުމްލަ 32 މެންބަރުން މި ކޮމިޓީގައި ބައިވެރިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން، 1 ސިޔާސީ ޕާޓީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުން މި ކޮމިޝަނުގެ ދަޢުވަތު ޤަބޫލުކުރައްވާ ލަފާދޭ ޤައުމީ ކޮމިޓީގައި ބައިވެރިވާނެއެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ 7000 އަށްވުރެގިނަ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާގޮތުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.   

 

އަދި ކޮމިޝަނުގެ ރައީސް ވަނީ ކޮމިޝަނުގެ މަސައްކަތްތައް ސްޓްރެޖިކް ޕްލޭންގައިވާގޮތަށް ޑިޖިޓަލައިޒް ވީނަމަވެސް، ވޯޓުލާ ގޮތާއި ވޯޓުގެ ނަތީޖާ ނެރޭގޮތުގެ ޕްރޮސެސްއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި އީ-ވޯޓިން އަށް ދިއުމުގެ އެއްވެސް ވިސްނުމެއްނެތްކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވާފައެވެ.