އިލެކްޝަންސް ކޮމިޝަން

ފޮރިން ރިލޭޝަންސް

ދަ އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް)

ދަ އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އަކީ، ބައިނަލްއަޤްވާމީ އިންތިޚާބީ އިދާރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. 2013 ވަނަ އަހަރު އުފެދުނީއްސުރެ، އޭ-ވެބް ވަނީ އޭގެ ޗާޓަރުގެ އިރުޝާދުގެ ދަށުން ހިންގަމުން އައިސްފައެވެ. މި ޗާޓަރަކީ ޖެނެރަލް އެސެމްބްލީން އުފައްދައި އިޞްލާޙުކުރާ އަސާސީ ލިޔުމެކެވެ. އަދި މި ލިޔުމުގައި ޖަމްޢިއްޔާގެ ތަޞައްވުރު، މުހިންމަތު (މިޝަން)، އަދި މައިގަނޑު އަސާސްތައް ބަޔާންކޮށްފައިވެއެވެ.

2013 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ، އޭ-ވެބްގެ މެންބަރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން އަންނަ، މި ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އިދާރާއެކެވެ. އަދި، 2023 ވަނަ އަހަރުން ފެށިގެން މި ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެކެވެ.

ލިންކު: About A-WEB<Who We Are< A-WEB

 

ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ)

ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ )ފެމްބޯސާ( އުފެދުނީ 2010 ވަނަ އަހަރުގައެވެ. ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް އަދި ޕާކިސްތާނުގެ އިންތިޚާބީ އިދާރާތައް ހިންގާ މުއައްސަސާތަކުގެ މަންދޫބުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު، ދެކުނު އޭޝިއާގެ އިންތިޚާބީ އިދާރާތައް ހިންގާ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބައިނަލްއަޤްވާމީ ސަރަޙައްދީ ޖަމްޢިއްޔާއެއް އުފައްދަންޖެހޭނެ ކަމަށް ޤަބޫލުކޮށް، "ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި ސަރަޙައްދީ ޖަމްޢިއްޔާއެއް އުފެއްދިއެވެ.

އޭގެ ފަހުން، ކޮންމެ އަހަރަކު އަހަރީ ޢާންމު ޖަލްސާތައް މެންބަރު ޤައުމުތަކުން ބާއްވަމުންދާއިރު، މި ޖަމްޢިއްޔާގެ މަޤްޞަދުތަކާއި ޙަރަކާތްތަކަށް އިރުޝާދު ދިނުމުގެ ގޮތުން ޖަމްޢިއްޔާގެ މެންބަރުން ޢަމަލުކުރުމަށްޓަކައި، ޗާޓަރެއް ރަސްމީކޮށް ފާސްކޮށްފައިވެއެވެ.

ފެމްބޯސާއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިންތިޚާބުތައް ހިންގާ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ތަޖުރިބާ ޙިއްޞާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސާކްގެ މެންބަރު ޤައުމުތަކުގެ އިންތިޚާބީ އިދާރާތައް ހިންގާ މުއައްސަސާތަކުގެ މެދުގައި މުވާޞަލާތާއި އެއްބާރުލުން އިތުރުކުރުމާއި، އެއް ޤައުމަކުން ކުރާ ކާމިޔާބު ތަޖުރިބާތައް އެހެން ޤައުމުތަކާ ޙިއްޞާކުރެވި އޭގެ ފައިދާ ލިބިގަތުމާއި، އިންތިޚާބުތައް ހިންގުމުގައި ބޭނުންކުރާ އައު ޓެކްނޮލޮޖީތަކާއި އުޞޫލުތައް އެހެން ޤައުމުތަކަށްވެސް ތަޢާރަފުކުރުމާއި، މުޅި ސަރަޙައްދުގައި އިންތިޚާބުތަކުގެ ފެންވަރު މަތިކޮށް ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމާއި، ދެކުނު އޭޝިއާގެ ޤައުމުތަކުގައި ބާއްވާ އިންތިޚާބުތައް ހިންގުމުގެ ފެންވަރު މަތިކުރުމާއި، އިންތިޚާބުތަކާއި އިންތިޚާބީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. Top of Form

ލިންކު: FEMBoSA - FEMBoSA

 

ދަ އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ)

ދަ އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) އަކީ ސަރަޙައްދީ ސަރުކާރުން ބޭރު، އޭޝިއާ ޕެސިފިކް ރީޖަންގެ  ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ބާރުއަޅަނީ ދެފުށް ފެންނަ އަދި ހާމަކަން ބޮޑު އިންތިޚާބުތައް ބޭއްވުމަށާއި، އިންތިޚާބީ ނިޒާމުތަކަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުވުމަށާއި، މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ އިންޞާފުވެރި އިންތިޚާބީ އިދާރާތައް ޤާއިމުކުރުމަށާއި، އަދި އިންތިޚާބުތައް ހިންގާ ފަރާތްތަކުގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުޞަތުތައް ހޯދައިދިނުމަށެވެ.

މީގެ އިތުރުން، އިންތިޚާބީ އަދި މަދަނީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުވުމަށާއި، މަޢުލޫމާތު ބަދަލު ކުރުމަށާއި، އިންތިޚާބުތަކާ ގުޅޭ ދިރާސާތަކާއި ތަޢުލީމީ ވަޞީލަތްތައް ތަރައްޤީކުރުމަށްވެސް މި ޖަމްޢިއްޔާއިން މަސައްކަތްކުރެއެވެ.

އޭ.އޭ.އީ.އޭ ރަސްމީކޮށް އުފެދުނީ 1998 ފެބްރުއަރީ 10 ގައި، 1997 ޖަނަވަރީ ގައި ފިލިޕީންސްގެ ވެރިރަށް މަނީލާގައި "21 ވަނަ ޤަރުނުގެ އޭޝިއާގެ އިންތިޚާބުތައް" މި ނަމުގައި ބޭއްވުނު ސިމްޕޯޒިއަމްގައި ފާސްކުރެވުނު ޤަރާރަކުންނެވެ.

މިހާރު މި ޖަމްޢިއްޔާގައި އޭޝިއާ ޕެސިފިކް ރީޖަންގެ 20 އިންތިޚާބީ އިދާރާއެއް މެންބަރުންގެ ގޮތުގައި ޙަރަކާތްތެރިވާއިރު، 2014 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ، މި ޖަމްޢިއްޔާގެ މެންބަރެކެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން، މިކޮމިޝަނަކީ މި ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑު މެންބަރެކެވެ.