އިލެކްޝަންސް ކޮމިޝަން

މަސްޢޫލިއްޔަތުތައް

މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތައް

ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން

  1. އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޢާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަން ކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން؛

  2. އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން؛

  3. ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި، އެ ވޯޓުތަކުގެ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާންކުރުން؛

  4. އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވާލައި، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނި އިތުރު ގެނެސް، ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިއުން؛

  5. ޤާނޫނުގައި ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކޮންމެ އިންތިޚާބަކާ ގުޅިގެން، އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލު ގެނެސް، މުރާޖަޢާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިއުން؛

  6. ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަމަށް ޤާނޫނުން ކަނޑައަޅާފައިވާ ކަންކަން ކުރުން؛

  7. އިންތިޚާބުގެ ކަންތައްތައް ހިނގާނެގޮތާއި، އިންތިޚާބުގެ މަޤްޞަދާ ގުޅޭ ގޮތުން މަޢުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން؛

  8. ޤާނޫނު އާސާސިންނާއި ޤާނޫނުން ކޮމިޝަނުން ހިންގައި ބަލަހައްޓަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކާބެހޭ އުސޫލުތައް ކަނޑައެޅުން؛

  9. ކޮމިޝަނުގެ މުވައްޒަފުންނާއި، ކޮމިޝަނުން މަސައްކަތް ޙަވާލުކުރާ ފަރާތްތައް ތަމްރީންކުރުން؛

  10. އިންތިޚާބުގައި ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި، އެކަމާ ގުޅޭ ކަންކަން ރާވައި ހިންގުން؛

  11. އިންތިޚާބުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ އޮބްޒާވަރުން އެކްރެޑިޓް ކޮށް އެފުރުޞަތު ދިނުން؛

  12. އިންތިޚާބުތަކާއި، ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުން، އަދި މިގޮތުން ކޮމިޝަނުން ކަނޑައަޅާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓައި، ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮމިޝަނުން އެދޭ އެހީތެރިކަމާއި އެއް ބާރުލުން، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ ޙަވާލުވެފައިވާ ފަރާތުން ނުދޭނަމަ، އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެފަރާތަކަށް ދިނުމަށްފަހު، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

  13. އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖެއްސުން؛

  14. ކޮމިޝަނުން ހިންގައި ބަލަހައްޓާ ކޮންމެ އިންތިޚާބެއް ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ކަންކަން ނިމުމުން، ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެ އިންތިޚާބެއްގެ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރުން؛

  15. ޤާނޫނުއަސާސީ އާއި އިންތިޚާބާބެހޭ ޤާނޫނުތަކުގައި ކޮމިޝަނުން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި މަސައްކަތްތައް ކުރުން.

ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް

ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން

  1. ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުޞޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުން.

  2. ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިޝަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން.

  3. ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ޤާއިމުކުރުން.

  4. ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުޞޫލު ކަނޑައަޅައި، އެ އުޞޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

  5. ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން. އަދި

  6. ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

ކޮމިޝަނުގެ ނާއިބު ރައީސްގެ މަސްޢޫލިއްޔަތުތައް

ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން

  1. ކޮމިޝަނުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ އުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، ކޮމިޝަނުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

  2. މީގެ އިތުރުން، ކޮމިޝަނުގެ ރައީސް، ކޮމިޝަނުގެ ނާއިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައް.

ކޮމިޝަނުގެ މެންބަރުންގެ މަސްޢޫލިއްޔަތުތައް

ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން

  1. ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން.

  2. ކޮމިޝަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ޙާޟިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ގުޅިގެން ބައިވެރިވުން.

  3. ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، އެ މެންބަރަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިޝަނުގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން،

  4. ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން.

  5. ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދު ނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިޝަނުގެ މަޤްޞަދުތައް ހާސިލުކުރުމަށާއި މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދިނުން.