ހުރިހާ ޚަބަރެއް
ޚަބަރު 1 މިނެޓުގެ ކިޔުމެއް

އޭޝިއަން އެސޯސިއޭޝަން އޮފް އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމާއި، ފިލިޕީންސްގެ މިޑްޓާމް ނޭޝަނަލްސްއާއި، ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ ފުރަތަމަ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވުން

ފޮޓޯ
ފޮޓޯ

ފިލިޕީންސްގެ މަނީލާގައި، 2025 މޭ 09 އިން 13 އަށް ކުރިއަށްދިޔަ، އޭޝިއަން އެސޯސިއޭޝަން އޮފް އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމާއި، ފިލިޕީންސްގެ މިޑްޓާމް ނޭޝަނަލްސްއާއި، ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯ (ބީ.އޭ.އާރް.އެމް.އެމް) ގެ ފުރަތަމަ މަޖިލިސް އިންތިޚާބުގެ އޮބްޒަވޭޝަންގައި، މި ކޮމިޝަނުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން މި ކޮމިޝަން ތަމްޞީލް ކުރެއްވީ، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސްއެވެ.

މިއީ، ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސް (ކޮމެލެކް) އާއި، އޭ.އޭ.އީ.އޭގެ ޗެއަރމަންކަމަށްވާ، ޓައިވާންގެ އިލެކްޝަން ކޮމިޝަނުގެ ރަސްމީ ދަޢުވަތަކަށް، މި ކޮމިޝަނުން ކުރައްވާފައިވާ ރަސްމީ ދަތުރުފުޅެކެވެ.

މިގޮތުން، 2025 މޭ 09 ވަނަ ދުވަހު، އޭ.އޭ.އީ.އޭގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުން ކުރިއަށް ދިޔައިރު، ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ޑިމޮކްރެޓިކް ހަމަތަކަށާއި، ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް ކުރިއަށް ގެންދިއުމަށާއި، އެންމެންނަށް ބައިވެރިވެވޭ އިންތިޚާބީ މަރުޙަލާތައް ރާވައި ކުރިއަށް ގެންދާނޭ ގޮތްތައް ކަށަވަރު ކޮށްދިނުމަށާއި، އިންޑިއާގެ ނިއު-ދިއްލީގައި އޭ.އޭ.އީ.އޭ ގެ ދާއިމީ އިދާރާއެއް ޤާއިމު ކުރުމަށާއި، އެސޯސިއޭޝަނުގެ އޮނިގަނޑާއި އެސޯސިއޭޝަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، އެސޯސިއޭޝަންގެ ޗާޓަރު އިޞްލާޙު ކުރުމުގެ މަސައްކަތްތަކަށެވެ.

އޭ.އޭ.އީ.އޭ އަކީ، އޭޝިއާ ޕެސިފިކް ރީޖަންގެ އިންތިޚާބީ އިދާރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ޖަމްޢިއްޔާއެކެވެ. މި ކޮމިޝަނަކީ، މި ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެކެވެ. އަދި މި ޖަމްޢިއްޔާ ހިންގުމަށްޓަކައި، ކޮންމެ އަހަރެއްގައިވެސް އެގްޒެކެޓިވް ބޯޑު ބައްދަލުވުންތަކެއް ބޭއްވިގެންދެއެވެ.

އިސްވެ ދެންނެވުނު އޭ.އޭ.އީ.އޭ ގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދާއި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް ވަނީ 2025 މޭ 12 ގައި، ފިލިޕީންސްގައި ކުރިއަށް ގެންދިޔަ އެ ޤައުމުގެ މިޑްޓާމް ނޭޝަނަލްސްއާއި، ލޯކަލް އިލެކްޝަންސް އަދި ބަންގްސަމޮރޯ އޮޓޯނޮމޮސް ރީޖަން އިން މުސްލިމް މިންޑަނާއޯގެ (ބީ.އޭ.އާރް.އެމް.އެމް) ގައި ފުރަތަމަ ފަހަރަށް ބޭއްވި މަޖިލީސް އިންތިޚާބު ކުރިއަށް ގެންދާގޮތް އޮބްޒަރވް ކުރައްވާފައެވެ. ފިލިޕީންސްގައި ކުރިއަށް ގެންދިޔަ އިންތިޚާބުތަކުގައި، އިންތިޚާބުގެ މަރުޙަލާތަކަށް ހަލުވިކަން އިތުރު ކުރުމަށާއި، ދެފުށް ފެންނަ އިންތިޚާބެއް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އައު ކަންތައްތަކެއް ތަޢާރަފް ކޮށްފައިވެއެވެ.

މި ދަތުރުން، އިންތިޚާބުގެ މަރުޙަލާތައް ހަރުދަނާ ކުރުމަށާއި، ކޮމިޝަނުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށާއި، ޑިމޮކްރަސީ ގެ އަސާސްތައް ކުރިއެރުވުމުގައި މި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އައު ކަންތައްތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި މި ޞަރަޙައްދުގެ ބައިނަލްއަޤްވާމީ އިންތިޚާބީ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ.