ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު
ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން
ނަންބަރު (IUL)38-DC/38/2026/129
2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ޢާންމުކޮށްފީމެވެ. އެހެންކަމުން މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް/ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.
- 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ (އަޕްލޯޑު) / ހުށަހަޅަން ޖެހޭނެއެވެ.
- 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާތަނުގައިއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، މި ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މި ކޮމިޝަނުގެ މައި އިދާރާ އަދި ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެ ގަޑިތައް ތިރީގައި މިވަނީއެވެ.
|
ދުވަސް |
ދުވާލު |
ރޭގަނޑު |
|
އާދީއްތަ – ބުރާސްފަތި |
13:30 – 09:30 |
23:00 – 21:00 |
|
ހުކުރު |
- |
23:00 – 21:00 |
|
ހޮނިހިރު |
12:30 – 10:30 |
23:00 – 21:00 |
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.