LCE & WDC 2026

އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު، 2026 ޖަނަވަރީ 15 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި އިންތިޚާބާބެހޭ މަރުކަޒުގެ ހޯލުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

މި ކޮމިޓީއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބާގުޅޭ ލަފާހޯދުމަށާއި މަޝްވަރާކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

 

މި ކޮމިޝަނުގެ އިތުރުން، ދަޢުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމްއިއްޔާއަކުން ޖުމްލަ 32 މެންބަރުން މި ކޮމިޓީގައި ބައިވެރިވާނެއެވެ. 

 

މިއަދު ބޭއްވި ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭ މުހިންމު މައުލޫމާތުވަނީ ޙިއްސާކޮށްފައެވެ. އެގޮތުން، އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މަޝްވަރާތަކުގައި އެކަކު އަނެކަކަށް އިޚްތިރާމްކުރުމަށާއި ބައްދަލުވުމުގެ މަޤްސަދާއި އިންތިޚާބު އޮންނަ ތާރީޚާއި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމުގައި އަމަލުކުރަންވީ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދީ، މިކަމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި ރަޖިސްޓަރީކުރުމަށް އަމަލުކުރަންޖެހޭ ގޮތާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ނިންމާލުމުގެ ކުރިން، މި ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީޚު ފަހުން އަންގާނެ ކަމަށް ވެސް ވަނީ އިޢުލާން ކުރައްވާފައެވެ.