ޚަބަރު
"ތައި-އިލެކްޝަން އަދި ރެފަރެންޑަމް އޮބްޒަވޭޝަން ޕްރޮގްރާމް (އީ.އާރ.އޯ.ޕީ) 2026" ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެ ވަޑައިގަންނަވާފި

Photo - Elections Commision
އިލެކޮޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި މި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ތައިލެންޑްގައި ބޭއްވި އެ ޤައުމުގެ "ތައި-އިލެކްޝަން އަދި ރެފަރެންޑަމް އޮބްޒަވޭޝަން ޕްރޮގްރާމް (އީ.އާރ.އޯ.ޕީ) 2026" ގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިގޮތުން، މި ޕްރޮގްރާމް ކުރިއަށްދިޔައީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި، 2026 ފެބުރުވަރީ 05 އިން 09 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމަކީ، ދުނިޔޭގެ އިންތިޚާބީ އިދާރާތަކުގެ އޮބްޒަރވަރުން ބައިވެރިވެ ވަޑައިގަންނަވާނެހެން ތައިލެންޑްގެ އިލެކްޝަން ކޮމިޝަނުން އިންތިޒާމުކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ބައިނައަލްއަޤްވާމީ އިންތިޚާބީ އިދާރާތަކުގެ ގުޅުންތައް ބަދަހިކުރުމާއި، ނަޒާޙަތްތެރިކަންމަތީ އިންތިޚާބުތައް ކުރިއަށް ގެންދިއުމާއި އަދި އިންތިޚާބީ ނިޒާމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޢުލޫމާތު ބަދަލުކޮށް އިންތިޚާބީ ނިޒާމުގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ މެދުގައި ޙިއްޞާކުރެއްވުން ހިމެނެއެވެ.
މީގެއިތުރުން، މި ޕްރޮގަރާމްގެ ދަށުން ތައިލެންޑްގެ އިންތިޚާބީ ނިޒާމާގުޅޭ މުޙިއްމު މަޢުލޫމާތުތަކާއި، އެ ޤައުމުގެ ރެފަރެންޑަމް ފްރޭމްވޯރކާއި ވޯޓުލުމުގެ ނިޒާމާއި ވޯޓުލުމުގައި ޢަމަލުކުރާ ޢާންމު އުޞޫލުތަކާއި އިންތިޚާބީ ކުށްތަކާއި އެ ކުށްތަކުން ދުރުވުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ޕޮލިސީ އަދި ފަންނީ ލެވެލްގައި ސެޝަންތަކެއް ކުރިއަށް ގެންދެވިފައިވާއިރު، ތައި-އިލެކްޝަން އަދި ރެފަރެންޑަމް އޮބްޒަވޭޝަން ޕްރޮގްރާމް (އީ.އާރ.އޯ.ޕީ) 2026 ގެ އޮބްޒަރވޭޝަންގެ ޙަރަކާތްތަކުގެ ދަށުން، އެ ޤައުމުގެ އިންތިޚާބުގައި ބޭނުންކުރާ ތަކެއްޗާއި އިންތިޚާބަށް ތައްޔާރުވުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، އިންތިޚާބު ދުވަހުގެ ޙަރަކާތްތައް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި މި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާވެސް އޮބްޒަރވް ކުރައްވާފައިވެއެވެ.
މި ޕްރޮގްރާމަކީ، ތައިލެންޑްގެ އިލެކްޝަން ކޮމިޝަންގެ ރަސްމީ ދަޢުވަތަކަށް މި ކޮމިޝަނުން ކުރައްވާފައިވާ ރަސްމީ ދަތުރެކެވެ. މި ދަތުރުގެ ސަބަބުން، މި ދެ ކޮމިޝަނުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ތައިލެންޑުގެ އިންތިޚާބީ ނިޒާމާއި ރައްޔިތުންގެ ޚިޔާލުގެ ހޯދުމުގެ ޢާންމު ވޯޓާ ގުޅުންހުރި މަޢުލޫމާތާއި، ތަޖުރިބާތައް ޙާސިލްވެގެން ދިޔައެވެ.