LCE & WDC 2026
ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ޞައްހަކަން ކަށަވަރުކުރުމަށް ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން 2026 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިޚާބާބެހޭ މަރުކަޒުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 އަށެވެ. ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ކުރިން ލިސްޓުގައި މިކޮމިޝަނުގެ ފަރާތުންވެސް ސޮއިކޮށްފައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ރަޖިސްޓަރީގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ސަމާލުކަން ދޭންވާނެއެވެ.