ޚަބަރު

ނޭޕާލްގައި ބޭއްވި އެ ޤައުމުގެ ތިންވަނަ "ހައުސް އޮފް ރެޕްރެޒެންޓެޓިވްސް" އޮބްޒާވްކުރުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ނޭޕާލްގައި ބޭއްވި އެ ޤައުމުގެ ތިންވަނަ "ހައުސް އޮފް ރެޕްރެޒެންޓެޓިވްސް" އިންތިޚާބު އޮބްޒާވްކުރެއްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި ކޮމިޝަން މެންބަރު ޙަސަން ޒަކަރިއްޔާ ބައިވެރިވެ ވަޑައިގެންފިއެވެ. މިއީ، ނޭޕާލްގެ އިލެކްޝަން ކޮމިޝަނުގެ ރަސްމީ ދައުވަތަކަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި ކޮމިޝަން މެންބަރު ޙަސަން ޒަކަރިއްޔާ ކުރައްވާފައިވާ ރަސްމީ ދަތުރެކެވެ. 

 

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރުގެ މާރިޗު މަހު ނޭޕާލްގެ ވެރިރަށާއި އަދި ކައިރި އެހެނިހެން ސަރަޙައްދުތަކުގައި ވޯޓުލުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އޮބްޒާވްކުރެއްވުމާއި، ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ އޮބްޒަވޭޝަން ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަން ތަމްޞީލުކުރެއްވުމާއި، ނޭޕާލްގެ އިލްކެޝަނަސް ކޮމިޝަނާއި، މިކޮމިޝަނާ ދެމެދު އޮންނަ ޒަމާންވީ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމާއި، ބައިނަލްއަޤްވާމީ އެހެން އިންތިޚާބީ އިދާރާތަކާ ބައްދަލުކުރައްވައި، ގުޅުންތައް ބަދަހިކުރެއްވުމެވެ.

 

ނޭޕާލްގައި ބޭއްވި އެ ޤައުމުގެ ތިންވަނަ "ހައުސް އޮފް ރެޕްރެޒެންޓެޓިވްސް" އިންތިޚާބަކީ 2015 ވަނަ އަހަރު ނޭޕާލްގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ނަމުގައި ބޭއްވުނު އެ ޤައުމުގެ ތިންވަނަ ޢާންމު އިންތިޚާބެވެ. މި ޤައުމުގެ ޤާނޫނީ ނިޒާމުގެ ދަށުން، 275 ގޮނޑިއަށް މެންބަރުން ހޮވަނީ މިކްސްޑް އިންތިޚާބީ ނިޒާމެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި 165 ގޮނޑި "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުޞޫލުން އިންތިޚާބު ކުރާ މަޤާމުތަކަށް މެންބަރުން ހޮވާ އިރު، 110 ގޮނޑި ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ނުވަތަ ނިސްބަތުން ހޮވެއެވެ.

 

 

މި ދަތުރުގައި، ނޭޕާލުގެ އިންތިޚާބީ ނިޒާމާ ގުޅޭ ފަންނީ ބައްދަލުވުންތަކުގައި ބައިވެރިވެ، ގާނޫނުއަސާސީ ލިބިދޭ ރައްކާތެރިކަމާއި، ވޯޓުރަޖިސްޓްރީކުރުމުގެ އުޞޫލުތަކާއި، އިންތިޚާބީ ސުލޫކީ މިންގަނޑު ތަންފީޛުކުރާ ގޮތުގެ ތަފްޞީލުތައް ދެނެގަނެވި، އިންތިޚާބަށް ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އެތަކެއް ތައްޔާރީތތަކެއް އޮބްޒާވް ކުރައްވާފައެވެ. މިގޮތުން، މަރުކަޒުތަކަށް ތަކެތި ފޮނުވުމާއި، ޑިސްޓްރިކްޓް ފެންވަރުގެ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު އޮބްޒާވްކުރުމާއި، ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

 

އިންތިޚާބު ބޭއްވި ދުވަހު، މި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވޯޓުލާ މަރުކަޒުތައް ހުޅުވުމާއި، ވޯޓުލުމުގެ އިޖުރާއަތްތަކާއި، ވޯޓުލާން އަންނަ މީހުން ތަރުތީބުކުރެވިފައިވާ ގޮތް އަދި ވޯޓު ގުނުމުގެ ފެށުން އޮބްޒާވްކުރެއްވިއެވެ.

 

މީގެ އިތުރުން، މި ދަތުރުގެ ތެރޭގައި، މި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވަނީ ނޭޕާލްގެ އިލެކްޝަން ކޮމިޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި އެކްޓިންގ ޗީފް އިލެކްޝަން ކޮމިޝަނަރ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންތިޚާބީ ނިޒާމާއި، ޤާނޫނީ ފްރޭމްވޯކާއި އަދި އިދާރީ އިޖުރާއަތްތަކާ ގުޅޭ މުހިއްމު ކަންކަމަށް މަޝްވަރާކުރެވި، ދެ ކޮމިޝަނުގެ ގުޅިގެން ކުރެވިދާނޭ ކަންކަމަށްވެސް މަޝްވަރާކުރައްވާފައެވެ.