LCE & WDC 2026
ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއިކުރުމަށް އެއް ދުވަސް އިތުރުކޮށްފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
އިންތިޚާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ރޭގަ ހިނގުމާއި ގުޅިގެން، އެ މަރުކަޒު މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެދުނު 10:00 ގައި ވަނީ ފަށާފައެވެ. އަދި ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެއެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް އިންތިޚާބުގެ ތާވަލްގައި ވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.