ސިޔާސީ ޕާޓީ

ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ހަރަކާތްތައް ހިންގުމަށް ދެ ޕާޓީއަކަށް އިލްތިމާސްކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން


ބައެއް ސިޔާސީ ޕާޓީތަކުން މި ދުވަސްވަރު ކުރިއަށް ގެންދާ ޙަރަކާތްތައް ހިންގުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް ސިޓީ ފޮނުވައިފިއެވެ.
 

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި އަދި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް މި ޕާޓީތަކަށް ފޮނުވައިފިއެވެ.


28 އޭޕްރިލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.


ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރި
ވެ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެކަން އަންގާފައިވެއެވެ.